އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި، ބައްސާމް އަދީލް ޖަލީލު އެ މަގާމުން ވަކިކުރުމުން އެނގިގެން ދިޔައީ އެފްއޭއެމްގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް)ގެ ނާގާބިލުކަން ކަމަށް މިއަދު އެ އިދާރާގެ ނައިބު ރައީސް ކަމުންނާއި އެކްސްކޯގެ މެންބަރުކަމުން އިސްތިއުފާދެއްވި އަލީ އުމަރު ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި ބައްސާމު މަގާމުން ވަކިކުރީ އިތުބާރުގެ މައްސަލައެއްގައެވެ.
"ގާތްގަނޑަކަށް ދެ އަހަރަށް ފަހު ވަރަށް ހަލަބޮލިކަމުގެ ތެރޭގައި އެފްއޭއެމްގެ އިންތިހާބު ބޭއްވުނީ. ވަރަށް ގިނަ ފަރާތްތަކަކުން ކުރަން އުޅެ ނުވެފައި އޮއްވައި ބައްސާމް އޭނާގެ ހިކުމަތްތެރިކަމާ އެކު ލީޑަރޝިޕް ދައްކައިގެން ކުރި މަސައްކަތުން އެންމެ ދުވަހަކަށް ވެފައިއޮއްވައި ރާއްޖެ ސަންޕެންޝަނަކުން ސަލާމަތްކުރީ. ބައްސާމް ހުރިހާ ކްލަބްތަކާއި ކެންޑިޑޭޓުންނާ ވާހަކަ ދައްކައިގެން މިހާރުގެ ރައީސަށް ވެސް ފުރުސަތު ލިބޭ ގޮތަށް، އެންމެން އެއްބަސްވާ ޓީމަކަށް ފުރުސަތު ދޭން ހުށަހަޅައިގެން އެކަން ކާމިޔާބުކުރީ،" އަލީ އުމަރު ވިދާޅުވި އެވެ.
އަލީ އުމަރު ވިދާޅުވީ، ކަންކަން އިސްލާހު ކުރަން ހުރި މީހަކު އެގޮތަށް މަގާމުން ދުރުކުރާނީ، އެކަމެއް އިސްލާހުކުރުމުގެ ވިސްނުން އެފްއޭއެމްގެ ރައީސްގެ ކިބައިގައި ނެތުމުން ކަމަށެވެ.
ބައްސާމު ވަކިކުރުމާ ގުޅިގެން އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސްމެންބަރަކު މިއަދު ވަނީ އެ މަގާމުން އިސްތިއުފާދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނައިބުރައީސް އަލީ އުމަރާއި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލް ޣަނީ އާއި ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝަކީބާއި ނިއު ރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަހުމަދު އީސައެވެ.
"ބައްސާމަކީ ހުރިހާ ކްލަބުތަކުން ވެސް އިތުބާރު ކުރާ ބޭފުޅެއް. މިދިޔަ ތިން ވަރަކަށް މަސްދުވަހުގެ ތެރޭގައި އެފްއޭއެމުން ހާސިލް ކުރި ގިނަ ކަންތައްތަކުގައި ބައްސާމުގެ ހިއްސާ އޮންނާނެ،" އިސްތިއުފާ ދެއްވި ސަބަބުތައް މީޑިއާއާ ހިއްސާކުރަމުން އަލީ އުމަރު ވިދާޅުވިއެވެ.
"މިފަހަކަށް އައިސް މި ދިމާވި ގިނަ ކަންކަން ރަނގަޅުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރީ ބައްސާމް. އެކަމަކު ކުއްލިއަކަށް ބައްސާމް ވަކިކުރީ. މާނައަކީ ކަންކަން ރަނގަޅުވާނެ އެއްވެސް ގޮތެއް ނެތީއޭ."
އަލީއުމަރު ސިފަކުރެއްވި ގޮތުގައި، އިންތިޚާބުގައި އެންމެ ފުރަތަމަ ޓޮމްއާ އިދިކޮޅަށް ނުކުތް ޓީމު، ބައްސާމުގެ މަސައްކަތުން އެއްގަލަކަށް އަރުވައި އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައި ދިން ނަމަވެސް، އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު، ޠާރިޤު ކަންކަން ކުރެއްވީ ވަރަށް ޚުދުމުހުތާރުކޮށެވެ.
"އަސާސީ ގަވައިދު ބުނާގޮތުން އެފްއޭއެމް އޮފީސް ހިންގުމުގައި އެންމެ އިސްކޮށް ހުންނަނީ ޖެނެރަލް ސެކްރެޓަރީ. އެހެން ނަމަވެސް، އެތަނުގެ މުވައްޒަފުންނަށް ބާއްވާ ބައްދަލުވުންތަކަށް ވެސް ބައްސާމަށް މި ލިބެނީ ދައުވަތެއް، މާނައަކީ ބައްސާމަކީ އެފްއޭއެމްގައި އެހާވެސް ބާރެއް ނެތް ބޭފުޅެކޭ،" އަލީ އުމަރު ވިދަޅުވިއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދު އެ މަގާމުން ދުރުކޮަށް، އެ އިދާރާގެ ކަންކަން ހަމައަކަށް އަޅުވައި، އިންތިޚާބަކަށް މަގުފަހި ކުރުމަށް ފީފާއިން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ ފުރަތަމަ ޗެއާމަނަކަށް ހުންނެވި، މުހައްމަދު ޝަވީދުގެ ދުވަސްވަރުގައި އަލީ އުމަރަކީ އެ ކޮމިޓީގެ މެންބަރެކެވެ، އަދި ބައްސާމަކީ އޭރުގެ ޖެނެރަލް ސެކްރެޓަރީއެވެ.
ބައްސާމު މަގާމުން ވަކިކުރީ ޝަވީދާ ގުޅުންބާއްވާތީ ކަމަށް ގަބޫލުކުރެވޭތޯ ސުވާލުކުރުމުން އަލީ އުމަރު ވިދާޅުވީ، "ޝަވީދާ ގުޅުން ބާއްވަން ޖެހޭ. ޝަވީދަކީ އޭއެފްސީގެ އެކްސްކޯ މެމްބަރެއް،" ކަމަށެވެ.
"މިހާރުގެ ރައީސް (ޠާރިޤު) އަކީ މިކަމަށް އަދި ތަންކޮޅެއް ޅަ ބޭފުޅެއް. ޝަވީދު މިކަމުގެ ތެރޭގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެ،" އަލީ އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފްއޭއެމްގެ އާ ހިންގާ ކޮމިޓީއާއެކު ވެސް ވަރަށް ގާތުން މަސައްކަތްކުރެއްވުމަށް ޝަވީދު ހުންނެވީ ތައްޔާރަށް ކަމަށާއި އެހެން ނަމަވެސް، އެ ގުޅުން ބާއްވަން އެ ޖަމިއްޔާގެ މިހާރުގެ ރައީސް ބޭނުންފުޅު ނުވީ ކަމަށެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ފަސް މެންބަރަކު ކުއްލިއަކަށް އިސްތިއުފާ ދިނުމުން އެ ކޮމިޓީ އަލުން އިންތިޚާބުކުރާން ޖެހިފައިވާއިރު، އެފަދަ ނިންމުމެއްގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ލިބިދާނޭ ގެއްލުމަކާ ދޭތެރޭގައި ކިހާވަރަކަށް ވިސްނިންތޯ ސުވާލުކުރުމުން އަލީ އުމަރު ވިދާޅުވީ، އިސްތިއުފާ ނުދީ ވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި އަދި އެފްއޭއެމްގެ ރައީސާ މަޝްވަރާ ކޮށްގެން ވެސް ކަންކަން ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ކަމެއްވީ ބޭކާރު ކަމަށާއި އެހެންވެ އިތުރު ގޮތެއް ނެތިގެން އިސްތިއުފާ ދިނީ ކަމަށެވެ.
"މިއީ ދިވެހި ފުޓްބޯޅައަށް ދެރައެއް ދޭން ކުރި ކަމެއް ނޫން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް އަޅުގަނޑުމެންނަށް އެޅުނު ރަނގަޅު ފިޔަވަޅެއް،" އަލީ އުމަރު ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން ޠާރިގުގެ ބަހެއް ހޯދަން އޭނާގެ ފޯނަށް ގުޅުމުން ވެސް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.