ނޯވޭގެ ވޯލްޑް ކަޕް ކޮއްތު: ތިން ޝެފުންނާއެކު 300 ކިލޯގެ މަހާއި 6،000 އޮރެންޖާއި 116 ކިލޯ ޗީޒް

ފީފާ ވޯލްޑް ކަޕުގައި ނޯވޭގެ ކުޅުންތެރިން--

1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މުބާރާތަކުން ފުރުސަތު ހޯދި ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމުން، މިއަހަރުގެ މުބާރާތަށް އެމެރިކާއަށް ދަތުރުކުރީ ކުޅުންތެރިންގެ ކާނާގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި މުޅި ސުޕަމާކެޓެއް ފުރޭނެހާ ގިނަ ކާބޯތަކެއްޗާ އެކުގައެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ ނޯވޭގެ ޓްރެއިނިން ކޭމްޕަށް ބޭލި 2،200 ޕައުންޑް (ގާތްގަނޑަކަށް 1،000 ކިލޯ) ގެ ކާބޯތަކެތީގެ ތެރޭގައި 300 ކިލޯގެ މަސް ހިމެެނެއެވެ. އެއީ ސެލްމަން އަދި ވައިޓްފިޝްއެވެ.

އޭގެއިތުރުން ނޯވޭގެ ސަގާފީ ޗީޒްއެއް ކަމަށްވާ ބްރޫނޮސްޓްގެ 116 ކިލޯ އާއި 6،000 އަށްވުރެ ގިނަ އޮރެންޖު ހިމެނެއެވެ.

މިއީ އެމެރިކާގެ ހޫނުގަދަ މޫސުމާއި، ކާނާއަށް އަންނަ ކުއްލި ބަދަލުތަކުން ކުޅުންތެރިންގެ ސިއްހަތަށް އަސަރުކޮށްފާނެތީ ޓީމުގެ ނިއުޓްރިޝަނިސްޓުންނާއި މެޑިކަލް ސްޓާފުންގެ އިރުޝާދުގެ މަތިން ނިންމި ނިންމުމެކެވެ.

ކުޅުންތެރިންނާއި ސްޓާފުން ހިމެނޭހެން 60 އަށްވުރެ ގިނަ މީހުންނަށް ދުވާލަކު 4 އިރު ކައްކައިދިނުމަށް ނޯވޭގެ އެންމެ މަޝްހޫރު ތިން ޝެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭގެ ތެރޭގައި 35 އަހަރު ޓީމަށް ކައްކައިދިން އަރޮން އެސްޕެލޭންޑް ހިމެނެއެވެ. މިގޮތަށް އަމިއްލަ ގައުމުން ކާބޯތަކެތި ގެންދިއުމުގެ ބޭނުމަކީ ކުޅުންތެރިން ކުޑައިރުއްސުރެ ކައިއުޅުނު ފަރިތަ ރަހަތައް މުބާރާތުގެ ތެރޭގައިވެސް ފޯރުކޮށްދީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހުން ދުޅަހެޔޮކޮށް ބޭތިއްބުމަށް ކުރާ ކަމެއްގެ ގޮތުގައި ކޯޗިން ޓީމުން ބުނެއެވެ.

މީގެކުރިން 2018 ގެ ވިންޓަރ އޮލިމްޕިކްސްގައި ނޯވޭ ޓީމުން ތަރުޖަމާގެ ކުށަކުން 1،500 ބިހުގެ ބަދަލުގައި 15،000 ބިހަށް އޯޑަރުދީގެން ބޮޑު ސަމާލުކަމެއް ހޯދި ނަމަވެސް، މިފަހަރުގެ އޯޑަރަކީ ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށް ރާވައިގެން ކުރި ކަމެކެވެ.

ނޯވޭ ޓީމުގެ ތަރި، މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް ވެސް ވަނީ މެޗުތަކުގެ ކުރިން އޭނާ ގެންގުޅޭ ކެއުމުގެ އާދަތައް ހިއްސާކޮށްފައެވެ.

ހާލަންޑް ގަބޫލުކުރާ ގޮތުގައި ކާނާގެ ކަންކަން މާ ބޮޑަށް އޮޅުންބޮޅުން ކުރުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް އެއްގޮތަކަށް ހުންނަ ތަކެތި ކެއުން މާ މުހިންމެވެ. އޭނާ ބޭނުންކުރާ ތަކެތީގެ ތެރޭގައި ރޯކިރު، ބިސް، މާމުއި، ސްޓޭކް، ސަވަރޑޯ ބްރެޑް، މަސް އަދި ތަރުކާރީ ހިމެނެއެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ނޯވޭ ހިމެނެނީ ފްރާންސް، ސެނެގާލް އަދި އިރާގާ އެކު ގްރޫޕް އައިގައެވެ.

ފީފާ ވޯލްޑް ކަޕްގައި 28 އަހަރަށްފަހު ނޯވޭ ކުޅުނު ފުރަތަމަ މެޗުން ވަނީ އިރާގު އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މެޗުގައި ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ އޭނާގެ އަލަތު ވޯލްޑް ކަޕްމެޗުގައި ދެ ލަނޑު ޖަހައި ތަފާތު ދައްކާފައެވެ.

ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިއަހަރުގެ ވޯލްޑް ކަޕަށް އެމެރިކާއަށް ދަތުރުކުރީ ކުޅުންތެރިންގެ ސިއްހަތާއި ފިޓްނަސް އެންމެ ފުރިހަމައަށް ހިފެހެއްޓުމަށްޓަކައި 1000 ކިލޯގެ ގިނަ ކާބޯތަކެއްޗާއެކުގައެވެ. މޫސުމާއި ކާނާއަށް އަންނަ ކުއްލި ބަދަލުތަކުން ކުޅުންތެރިން ރައްކާތެރިކުރުމަށް ޓީމުގެ ނިއުޓްރިޝަނިސްޓުންގެ ލަފާގެ މަތިން، 60 މީހުންނަށް ކެއްކުމަށް 3 ޝެފުން ވަނީ ހަމަޖައްސާފައެވެ. މިގޮތަށް އަމިއްލަ ގައުމުން ކާބޯތަކެތި ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިން ކުޑައިރުއްސުރެ ކައިއުޅުނު ފަރިތަ ރަހަތައް މުބާރާތުގެ ތެރޭގައިވެސް ފޯރުކޮށްދީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ބޭތިއްބުމެވެ. މުބާރާތުގައި އިރާގާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 4-1 ގެ ނަތީޖާއަކުން ނޯވޭ މޮޅުވިއިރު، ތަރި އާލިން ހާލަންޑް ވަނީ ދެ ލަނޑު ޖަހާފައެވެ.

  • 1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވި ނޯވޭ ޓީމުން މުބާރާތަށް 1000 ކިލޯގެ ކާބޯތަކެތި ގެންދިޔުން.
  • ގެންދިޔަ ތަކެތީގެ ތެރޭގައި 300 ކިލޯ މަހާއި، 116 ކިލޯގެ ސަގާފީ ޗީޒް އަދި 6000 އަށްވުރެ ގިނަ އޮރެންޖު ހިމެނުން.
  • ކުޅުންތެރިންނާއި ސްޓާފުން ހިމެނޭހެން 60 މީހުންނަށް ދުވާލަކު 4 އިރު ކެއްކުމަށް ނޯވޭގެ އެންމެ މަޝްހޫރު 3 ޝެފުން ހަމަޖެއްސުން.
  • އާލިން ހާލަންޑް ފަދަ ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކުވެސް އެއްގޮތަކަށް ހުންނަ ތަކެތި ކެއުމުގެ އާދަ ދެމެހެއްޓުން.
  • ފީފާ ވޯލްޑް ކަޕްގައި 28 އަހަރަށްފަހު ނޯވޭ ކުޅުނު ފުރަތަމަ މެޗުގައި އިރާގު ބަލިކޮށް، ހާލަންޑް ދެ ލަނޑު ކާމިޔާބުކުރުން.
comment ކޮމެންޓް