އެމެރިކާއިން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި މަރުވި އިޓަލީ މީހެއްގެ އާއިލާއަށް މަރުގެ ބަދަލު ދެނީ

އެމެރިކާއިން ޕާކިސްތާނުގައި ދިން ޑްރޯން ހަމަލާއެއްގައި މަރުވި އެމެރިކާގެ ވޮރެން ވެއިންސްޓެއިން (ކ) އަދި އިޓަލީގެ ޖިވާނީ ލޮޕޯޓޯ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ސެޕްޓެމްބަރު 17): އެމެރިކާއިން ޕާކިސްތާނުގައި ދިން ޑްރޯން ހަމަލާއެއްގައި މަރުވި އިޓަލީގެ އެހީ ފޯރުކޮށްދޭ މީހެއްގެ މަރުގެ ބަދަލުގައި އޭނާގެ އާއިލާއަށް 1.2 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން އެއްބަސްވެއްޖެ އެވެ.

ތިރީސް ހަތް އަހަރުގެ ޖިވާނީ ލޮޕޯޓޯ މަރުުވީ އަލްގައިދާއިން އޭނާ ހިފަހައްޓާފައި ވަނިކޮށް އެ ޖަމާއަތާ ދެކޮޅަށް އެމެރިކާއިން ކުރިއަށް ގެންދިޔަ ސިއްރު ކައުންޓާޓެރަރިޒަމް މިޝަނެއްގައެވެ. އޭގެ ކުރިން އެމެރިކާއިން ވަނީ އަލްގައިދާއިން ވަރަށް އަވަހަށް ލޮޕޯޓޯ ދޫކޮށްލާނެ ކަމަށް އޭނާގެ އާއިލާ ގާތު ބުނެފައެވެ.

ނަމަވެސް މިދިޔަ އަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެގައުމުން ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ މިޝަނެއްގައި ލޮޕޯޓޯ އާއި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ވޮރެން ވެއިންސްޓެއިން މަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމާންޑާ އިން ޗީފްގެ މަގާމުގައި އޮބާމާ ހުންނަވަނިކޮށް ހިނގި އެހާދިސާގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިިކާއިން ލޮޕޯޓޯގެ މަރުގެ ބަދަލު ދޭން އެއްބަސްވެފައިވާ ކަން އިޓަލީގައި ހުންނަ އެމެރިކާގެ އެމްބަސީ އާއި ލޮޕޯޓޯގެ ބޭބެ، ޑެނިއެލް ވަނީ ޔަގީންކޮށްދީފައެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ވެއިންސްޓެއިންގެ އާއިލާއަށްވެސް މަރުގެ ބަދަލު ދޭން އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.

އަދި އެއީ ހަނގުރާމަ އިއުލާން ކޮށްފައި ނުވާ ސަރަހައްދެއްގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރުވި މީހެއްގެ އާއިލާއަށް އެމެރިކާއިން ފައިސާގެ ބަދަލު ދިން ފުރަތަމަ ފަހަރު ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ގާޑިއަން)

comment ކޮމެންޓް