އަޒަރްބައިޖާންގައި ކުރިއަށްދާ 42 ވަނަ ޗެސް އޮލިމްޕިއާޑްގައި ވާދަކޮށް ރާއްޖޭގެ ޒައުރާ އަބްދުﷲ އާއި މުހައްމަދު ޝުއާއު ތިން ވަނަ ދަރަޖައިގެ ކާމިޔާބެއް ހޯދައިފި އެވެ.
ރާއްޖޭގެ އަންހެން ޓީމުގައި ހިމެނޭ ޒައުރާ އަދި ފިރިހެން ޓީމުގައި ހިމެނޭ ޝުއާއު ވަނީ އެ މުބާރާތުގެ އެފްއެމް ޓައިޓަލް ކަށަވަރުކޮށްފަ އެވެ.
އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުގައި ރާއްޖޭގެ ނުހާ ރިލްވާނާއި އަބްދުލް ރަހްމާން އަލީ ކުޅުނު މެޗުތަކުން މޮޅުވި އިރު، އައިޝަތު އަލްޔާ މުހައްމަދު ޝަރީފް ކުޅުނު މެޗު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ. ރާއްޖޭގެ އަންހެން ޓީމު ކުޅުނު މެޗުން މޮޅުވި އިރު، ފިރިހެން ޓީމު ވަނީ ބަލިވެފަ އެވެ.
ރާއްޖޭގެ ޗެސް ޓީމުގައި ހިމެނޭ އިތުރު ކުޅުންތެރިންތަކެއް ވެސް ވަނީ މުބާރާތުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރާއްޖޭގެ ރޭޓިންގްސް މައްޗަށް ޖެހުނު އިރު، މުބާރާތުގެ ތެރެއިން ތިން ކުޅުންތެރިޔަކު ވަނީ ބައިނަލްއަގުވާމީ ރޭޓިންގްސް އިން ޖާގަ ހޯދައިފަ އެވެ. އެއީ ޒައުރާ އާއި އަލްޔާ އަދި ނުހާ އެވެ.
ރާއްޖޭގެ ފިރިހެން ޓީމާއި އަންހެން ޓީމު މުބާރާތުގައި ޖުމްލަ 10 މެޗު ކުޅެފައިވާ އިރު، މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުތައް މިއަދު ކުރިއަށްދާނެ އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ އޯޕަން ބައިގައި 175 ގައުމަކުން 180 ޓީމު ވާދަކުރާ އިރު، އަންހެން ބައިގައި 138 ގައުމަކުން 142 ޓީމު ވާދަކުރެ އެވެ.