ދުނިޔޭގެ އެންމެ ހަގު ޗެސް ޗެމްޕިއަން އަކަށް އިންޑިއާއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ގުކޭޝް ޑޮމްމަރާޖޫ ހޮވިއްޖެއެވެ.
ދެހާސް ހަ ވަނަ އަހަރު އިންޑިއާގެ ޗެންނާއީއަށް އުފަން ގުކޭޝް ވަނީ ފައިނަލް މެޗްގައި ޗައިނާގެ ޑިންގް ލިރެން ބަލިކޮށްފައެވެ. ސިންގަޕޫރުގައި ބޭއްވި ފީޑޭ ވޯލްޑް ޗެސް ޗެމްޕިއަންޝިޕްގެ އިނާމަކަށް 2.5 މިލިއަން ޑޮލަރު (1.96 މިލިއަން ޕައުންޑް) ހުށަހަޅައިފައިވެއެވެ.
އެއާއެކު އެއީ އޭނާގެ ކެރިއަރުގެ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
ޗެސްގައި ލިބޭ އެންމެ މަތީ ޓައިޓްލް، ގްރޭންޑްމާސްޓަރަކަށް ގުކޭޝް ވެފައި ވަނީ އުމުރުން 12 އަހަރާއި ހަތް މަހުގައެވެ. އޭރުވެސް އޭނާ އައީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ ހުވަފެން ދެކެމުން ކަމަށް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ގުކޭޝް ބުނެފައިވެއެވެ.
ގުކޭޝް އަކީ ޗެސްއިން ދުނިޔޭގެ 18 ވަނަ ޗެމްޕިއަންއެވެ. އަދި ޗެސް ޗެމްޕިއަންކަން ހޯދި ދުނިޔޭގެ އެންމެ ހަގު މީހާއެވެ.
އެ ރެކޯޑު ކުރިން އޮތީ 1985 ވަނަ އަހަރުގެ ނޮވެމްބަރު މަހު މޮސްކޯގައި އެނަޓޮލީ ކާޕޯވް ބަލިކޮށް ޗެމްޕިއަންކަން ހޯދި އުމުރުން 22 އަހަރުގެ ގެރީ ކަސްޕަރޯވް އަތުގައެވެ.
ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައިވެސް ގުކޭޝް ވަނީ ޗެސްއިން އާދަޔާ ޚިލާފު ކާމިޔާބީތަކެއް ހޯދާފައެވެ.
އެގޮތުން އެންމެ ފަހުން ކުޅުނު ދެ އޮލިމްޕިއަޑުން އެންމެ މޮޅު ކުޅުމުގެ އިންޑިވިޖުއަލް ރަން މެޑަލް އާއި 2022 ވަނަ އަހަރު ޗެންނާއީގައި ބޭއްވި މުބާރާތުގައި ބްރޯންޒް އަދި 2024 ވަނަ އަހަރު ބުޑަޕެސްޓްގައި ބޭއްވި މުބާރާތުން ރަން މެޑަލް ހޯދައިފައިވެއެވެ.
ޗެސް ކުޅުމުގައި ގުކޭޝްއަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މައިންބަފައިންގެ އިތުރުން އިންޑިއާގެ ޗެސް ސްޓޭބްލިޝްމަންޓާއި ސްކޫލުންނެވެ.
އުމުރުން 10 ވަރަކަށް އަހަރުން ފެށިގެން ގުކޭޝް އަކީ ޕްރޮފެޝަނަލް ޗެސް ކުޅުންތެރިއެކެވެ. އޭނާއަށް އެކަން ދަސްކޮށްދެނީ ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ވިސްވަނާތަން އާނަންދެވެ.
ޗެސްގެ އިތުރުން ފެތުމާއި، ޓޭބަލް ޓެނިސްވެސް ގުކޭޝް ކުޅެއެވެ.