ވެސްޓާން އޭޝިއަން ޔޫތު ޗެސް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ވެސްޓާން އޭޝިއަން ޔޫތު ޗެސް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވުމަށް ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ދިރާގު

އއ. އުކުޅަހުގައި އޮންނަ ވެސްޓާން އޭޝިއަން ޔޫތު ޗެސް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑު ނައިޔާ ޝަރީފް ވިދާޅުވީ އެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވުމަކީ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ އެތިލީޓުން އެފަދަ ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލުކުރާތީ ފަޙުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅަނގު އޭޝިއަން ޔޫތު ޗެސް ފެސްޓިވަލް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމާއި ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަށް ތާއީދު ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އެތުލީޓުންނަށް އަޅުގަނޑުމެންގެ ހެޔޮއެދުންތައް ރައްދުކުރަން،" ނައިޔާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ޙުސެއިން ޝިޔާން ވިދާޅުވީ ދިރާގުން ދޭ އެއްބާރުލުމަށް އުފާކޮށް އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"ދިރާގުން ލިބޭ އެއްބާރުލުން ބަލައިގަންނަން. އުފާކުރަން. ކުރިއަށް އޮތް ތާނގަވެސް ދިރާގުގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް ގަބޫލުކުރަން. މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމުގެ އަޒުމުގަ މިހުރީ،" ޝިޔާން ވިދާޅުވިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި މުބާރާތުގައި ވާދަވެރި ލައިންއަޕަކާއެކު ކުޅުންތެރިން ވާދަކުރާނީ ތިން ފޯމެޓެއްގައެވެ. އެއީ ރެޕިޑް ޗެސް، ބީޗް ބްލިޓްސް ޗެސް އަދި ކްލާސިކް ޗެސްއެވެ.

ރާއްޖެއާއި ސްރީލަންކާއާއި ނޭޕާލާއި ބަންގްލަދޭޝްއާއި އިންޑިއާއާއި ޕާކިސްތާނާއި އުޒްބެކިސްތާނާއި ކިރްގިސްތާނާއި ކަޒަކިސްތާނުގެ އެތުލީޓުން ވާދަކުރާ އެ މުބާރާތަކީ މި ސަރަހައްދުގެ ޖޫނިއާ އެތުލީޓުންނަށް އެންމެ ވާދަވެރި އެއް ޗެސް މުބާރާތެވެ.

comment ކޮމެންޓް