އަޒަރްބައިޖާންގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ބަކޫގައި ކުރިއަށްދާ 42 ވަނަ ޗެސް އޮލިމްޕިއާޑްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޗެސް ޓީމުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އެބަދެ އެވެ.
ރާއްޖޭގެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ މިހާތަނަށް މުބާރާތުގެ ސީއެމް ޓައިޓަލް ރާއްޖޭގެ ދެ ކުޅުންތެރިޔަކު ކަށަވަރުކުރުމެވެ. ޗެސްގެ ސީއެމް ޓައިޓަލް އަކީ ހަތަރު ވަނަ މަގާމެވެ.
މުބާރާތުގެ ސީއެމް ޓައިޓަލް މިހާތަނަށް ކަށަވަރުކޮށްފައިވާ ރާއްޖޭގެ ކުޅުންތެރިންނަކީ އަންހެން ޓީމުގައި ހިމެނޭ ޒައުރާ އަބްދުﷲ އާއި ފިރިހެން ޓީމުގައި ހިމެނޭ ޝުއާއު އެވެ. މުބާރާތުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ޒައުރާ މޮޅުވެފައިވާ އިރު، ޝުއާއު ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.
ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު ވެސް މިހާރު ވަނީ މުބާރާތުގައި ޖުމްލަ އަށް މެޗު ކުޅެފަ އެވެ. ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާ އިރު، އަންހެން ޓީމު ކުޅުނު އަށް މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އެ މުބާރާތުގެ އޯޕަން ބައިގައި 175 ގައުމަކުން 180 ޓީމު ވާދަކުރާ އިރު، އަންހެން ބައިގައި 138 ގައުމަކުން 142 ޓީމު ވާދަކުރެ އެވެ.