އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ އެންމެ ކާމިޔާބް ސްކޫލަކަށް ބ. ގޮއިދޫ ސްކޫލް

މައިލޯ އިންޓަ ސުކޫލް ވޮލީ ބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އިންޓާރ ސްކޫލް ވޯލީބޯޅަ މުބާރާތުގެ ތިން ފައިނަލްގައި ކުޅެ ދެ އުމުރުފުރައިގެ ޗެމްޕިއަންކަން ބ. ގޮއިދޫ އިން ހޯދައިފިއެވެ.

މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ސޯސަލް ސެންޓަރު އިންޑޯ ހޯލްގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދީ ފައިނަލްގައި މުހިޔުއްދީން ސްކޫލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ސެޓްތައް ތާޖުއްދީން އިން ގެންދިޔައީ 25-18، 25-16، އަދި 25-13 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ ޔޫސުފް އީވާން ޝާނޫންއެވެ.

މައިލޯ އިންޓަ ސުކޫލް ވޮލީ ބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ގޮއިދޫ ސްކޫލް ހޯދީ ފައިނަލްގައި ސެއިޚް މުހައްމަދު ޖަމާލުއްދީން ސްކޫލް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އެ މެޗުގެ ސްޓްތައް ގޮއިދޫ ސްކޫލް އިން ގެންދިޔައީ 25-13، 25-17، އަދި 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ސްކޫލްގެ ޒަހާ ނިޔާޒް އެވެ.

ގޮއިދޫ ސްކޫލް އިން ވަނީ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފައިނަލްގައި ފަސޭހަ ކަމާއި އެކު އިމާދުއްދީން ސްކޫލް ބަލިކޮށް ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ގޮއިދޫ ސްކޫލްގެ މައިޝާ އަބްދުލް ހަންނާނު ހޮވުނު އިރު މެޗުގެ ސެޓްތައް އެ ސްކޫލް އިން ގެންދިޔައީ 25-8، 25-12، އަދި 25-13 އިންނެވެ.

މައިލޯ އިންޓަ ސުކޫލް ވޮލީ ބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ގޮއިދޫ ކުޅުނު ތިން ވަނަ ފައިނަލްގައި ކ. މާފުށީ ސްކޫލް އަތުން ބަލިވީ 16 އަހަރުން ދަށުގެ ފިރިހެން ބައިންނެވެ. އެ މެޗު ސީދީ ތިން ސެޓުން މާފުށީ ސްކޫލް ކާމިޔާބް ކުރިއިރު މެޗުގެ ސްޓްތައް މާފުށީ ސްކޫލް އިން ގެންދިޔައީ 25-19، 25-22، އަދި 25-13 އިންނެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް ވާދަވެރި ކުޅުމަކަށް ފަހު ސެންޓަރ ފޯ ހަޔާ ސެކަންޑްރީ (ސީއެޗްއެސްއީ) ސްކޫލް ބަލިކޮށް ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެވެ.

މައިލޯ އިންޓަ ސުކޫލް ވޮލީ ބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފިރިހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ ތިން ސެޓް ދެ ސެޓުން ހޯދި އިރު މެޗުގެ ފުރަތަމަ ސެޓު 25-22 އިން ގެންދިޔައީ ސީއެޗްއެސްސީ އެވެ. ނަމަވެސް އަހުމަދިއްޔާ އިން ވަނީ ދެވަނަ ސެޓާއި ތިންވަނަ ސެޓު 25-16 އަދި 25-11 އިން ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު އަހުމަދިއްޔާއިން ކާމިޔާބުކުރި ނަމަވެސް ސީއެޗްއެސްސީ އިން ވަނީ ހަތަރު ވަނަ ސެޓު 25-21 އިން ކާމިޔާބުކޮށްފައެވެ. ފަހު ސެޓް އަހުމަދިއްޔާ އިން ކާމިޔާބް ކުރީ 15-11 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އަހުމަދިއްޔާގެ އަބްދުﷲ ޝަންވާޒެވެ.

ނަވާރަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވެސް އަހުމަދިއްޔާ ހޯދީ ފައިނަލްގައި ސީއެޗްއެސްއީ ތިން ސެޓް ދެ ސެޓުން ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު ސީއެޗްއެސްސީ އިން 25-14 އަދި 25-22 އިން ގެންދިޔަ ނަމަވެސް އަހުމަދިއްޔާއިން ވަނީ ފަހަތުން އަރައި 3 ސެޓު ކާމިޔާބުކޮށްފައެވެ. އެޓީމުން ފަހު ތިން ސެޓު ކާމިޔާބުކުރީ 25-15، 25-17 އަދި 15-06 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަހުމަދިއްޔާގެ އައިމިނަތު ޝަހާ ޝާމިން އެވެ.

comment ކޮމެންޓް