އަލްޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން ތައްޔާރު ކުރި ޑޮކުއިމެންޓްރީ "ސްޓީލިންގް ޕެރަޑައިޒް" ނެރުނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ބޭރުގެ އަދި ރާއްޖޭގެ ވިޔަފާރިވެރިން ޝައުގުވެރިވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުމުގެ މަގްސަދުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ތުހުމަތު ކޮށްފި އެވެ.
އަލްޖަޒީރާއިން ރިލީޒްކުރި ތަހުގީގީ ފިލްމު "ސްޓީލިންގް ޕެރަޑައިޒް"ގައި ދައްކާފައިވަނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގެވި ކޮރަޕްޝަނުގެ އަމަލުތަކާއި، ނަހަމަ ގޮތުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކާފައިވާ މައްސަލަތަކުގެ ލިޔެކިޔުންތަކެކެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި އެ މައުލޫމާތު އެމީހުން އެ ޗެނަލުން ހޯދީ، ރާއްޖެއިން ބޭރުގައި ތިބި، އަދީބު އިތުބާރު ކުރައްވާ ބައެއްގެ އަތުގައި ހުރި އޭނާގެ ތިން އައިފޯނުންނެވެ.
އަދީބުގެ ކޮރަޕްޝަނުގެ މައްސަލަތަކުގެ އިތުރަށް، ބޭރުގެ ވިޔަފާރިވެރިންތަކެއް އަދީބުއާ ގުޅިގެން 1.5 ބިލިޔަން ޑޮލަރު، އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެއަށް އެތެރެކޮށް، އެމްއެމްއޭ މެދުވެރިކޮށް "ލޯންޑަރ" ކުރުމަށް ރޭވި ކަމާއި، ކޮރަޕްޝަނުގެ ފައިސާ ބޭނުންކޮށްގެން ރިޝްވަތު ދިނުމާއި އެފަދަ ކަންކަން ވެސް ޑޮކިއުމެންޓްރީގައި ތުހުމަތު ކޮށްފައި ވެ އެވެ.
އެ ޑޮކިއުމެންޓްރީއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭގައި ހިމަނާފައި ވަނީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ރާއްޖޭގައި އިންވެސްޓު ކުރުމަށް ގިނަ ބަޔަކު ޝައުގުވެރިވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިންވެސްޓަރ ކޮންފިޑެންސް ނަގާލުމަށް ކުރި ކަމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސާދީ ރޭޓިންގް މޫޑީސްއިން ދާދި ފަހުން ޝާއިއު ކޮށްފައިވާ އިރު އޭގެން ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ މިސްރާބު ރަނގަޅު ކަން ހާމަވާ ކަމަށެވެ.
"ސަރުކާރުން ގެންގުޅޭ އިންވެސްޓްމެންޓާ ގުޅޭ ސިޔާސަތުތަކަށް ބަދަލެއް ނާދޭ. އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކަށް އަމަލު ކުރަމުން ގެންދާނަން،"
މިނިސްޓްރީން ބުނީ ރާއްޖޭގައި އިންވެސްޓަރުންނާއި ވިޔަފާރިތައް ރައްކާތެރި ކޮށްދޭނެ ވަރުގަދަ ނިޒާމުތަކެއް ހުރިކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އަރުވާ ކަމަށެވެ.
އަލްޖަޒީރާގެ "ސްޓީލިންގް ޕެރަޑައިސް" ޑޮކިއުމެންޓްރީ ފިލްމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން، 1.5 ބިލިޔަން ޑޮލަރުގެ ނަގުދު ފައިސާ "ދޮވެ"، ލޯންޑަރ ކޮށްދޭން ރޭވި ކަމުގެ ތުހުމަތު ކުރި އިރު އެމްއެމްއޭއިން ވަނީ އެކަން ދޮގު ކޮށްފަ އެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ޚަޒާނާއަށް ފައިސާ ވެއްދުމާއި ފައިސާ ނެގުމުގެ ކަންކަން ކުރިޔަށް ދަނީ ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ އިސްވެރިންގެ ހާޒިރުގައި ކަމަށާއި، ޑޮކިއުމެންޓްރީގައި ބުނެފައިވާ 1.5 ބިލިޔަން ޑޮލަރުގެ މުއާމަލާތް ހިނގާފައި ނުވާ އިރު އެމްއެމްއޭއަށް އެ ފައިސާ ވަދެފައި ވެސް ނުވާ ކަމަށެވެ.
އަދި އެ ތުހުމަތުތަކާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ގުޅަން މަސައްކަތް ކުރި ކަމަށް އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ބުނެފައިވާ އިރު، އެމްއެމްއޭއިން ބުނީ އެ އިދާރާއަށާއި ޑރ. އަޒީމާއަށް ވެސް އަލްޖަޒީރާއިން ގުޅާފައި ނުވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ގުޅަން މަސައްކަތް ކުރި ކަމަށް ބުނާ ބުނުމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.