ދިވެހި ސަރުކާރާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގެ ސަބަބުން މުޅި ރާއްޖެއަށް ގެއްލުންވާނެ ކަމަށް ބުނެ، އެކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ވަރަށް ބޮޑަށް ކަތިލެވިގެންދާނެ ކަމަށް ސްްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑޭވް ވިދާޅުވީ އެ ޑޮކިއުމެންޓްރީގައި ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރަކީ ގޭންގު ސްޓާރެއް ކަމަށް ލޭބަލްކޮށްފައިވާ ކަމަށާއި އެއީ ރާއްޖޭގެ މުޅި ކުޅިވަރުގެ ދާއިރާ ކަތިލެވިގެންދާނެ ކަމެއް ކަމަށެވެ.
"އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރަކީ ގޭންގު ސްޓާރެއް ކަމަށް ވަނީ ލޭބަލްކޮށްފައި. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ބޭރު ގައުމުތަކުގެ ބޮޑެތި މީހުންނާ ބައްދަލުކުރަން ދާއިރު ބުނާނެ ކަލޭމެންގެ ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނަނީ ބޮޑު ގޭންގު ސްޓާރެއް ކަމަށް އަލްޖަޒީރާ އިން އެބަ އޮތޭ ގެނެސްދީފަ. މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އަށް އޮތް ކިހާބޮޑު ޑެމޭޖެއްތޯ،" ޑޭވް ވިދާޅުވިއެވެ.
ޑޭވް ވިދާޅުވީ ގޭންގު ސްޓާރެއްވެއްޖެއްޔާ އެމީހެއްގެ ކުށުގެ ރެކޯޑެއް ވެސް އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް އޭނާ އަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމުން ހާމަވެގެންދަނީ އެ ޑޮކިއުމެންޓްރީ ތައްޔާރު ކުރި ވިލް ޖޯޑަން އަށް އެ މައުލޫމާތު ފޯރުކޮށްދިން މީހުންގެ ނުކުޅެދުންތެރިކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސްޕޯޓްސް ކޮމިޝަނަރަކަށް ހުރި މީހާގެ ހަގީގަތް ރަނގަޅަށް އެނގި ތިބެ އޭނަގެ އަގުވައްޓާލަން މަސައްކަތް ކުރީމަ ސްޕޯޓްސް އަށް ގެއްލުންވާނެ. މިއީ އަޅުގަނޑުގެ އެކަނި ގައުމެއް ނޫން. މިއީ އެބޭފުޅުންގެ ވެސް ގައުމު،" ޑޭވް ވިދާޅުވި އެވެ.
އޭނާއަކީ ގޭންގު ސްޓާރެއް ކަމަށް ލޭބަލްކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިނުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ވެސް ޑޭވް ވިދާޅުވިއެވެ.
"ރައީސްގެ ލޯންޗުކޮޅުގައި ބޮން ގޮއްވާލިކަން ސާބިތުވެފައިވާ އަދީބާ ގާތް ރަހުމަތްތެރިން ކަމަށްވާ މޮހޯ އާއި އިޝްފާހު އާއި އޮއިއްޓޭ އަޅުގަނޑުގެ ނަން ބަދުނާމުކޮށްލާނެ ގޮތެއް ހޯދުމަށްފަހު އެކަން އެކޮށްލީ. އަދީބާ ދެކޮޅަށް ކޯޓުގައި ހެކިބަސްދިނީތީ،" ޑޭވް ވިދާޅުވިއެވެ.
މިހާރު ވެސް ބޮޑެތި މައްސަލަތަކުގައި ހޯދުމަށް އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ އެފަދަ ބަޔަކާއި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ދީފައިވާ އިންޓަވިއުތަކެއްގެ މައްޗަށް ބިނާކޮށް މިނިވަން ނޫހުގެ އެޑިޓަރަކަށް ކުރިން މަސައްކަތް ކުރި މީހަކު ހަދާ ޑޮކިއުމެންޓްރީއެއް އޭނާ ގަބޫލު ނުކުރައްވާނެ ކަމަށް ވެސް ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވިއެވެ.