ރާއްޖޭގެ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމު، ތަޖުރިބާ ދަތުރެއްގައި ޗައިނާއަށް ފުރަން ހަމަޖެހިއްޖެއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނެފައިވާ ގޮތުގައި ޓީމު ޗައިނާއަށް ފުރަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ. މި ދަތުރުގެ ތެރެއިން ޗައިނާގެ އިތުރުން ހޮންގް ކޮންގް އާއި މޮންގޯލިއާގެ ޓީމުތަކާ ދެކޮޅަށް، ޖުމްލަ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް ސީބީއެމުން ބުނެއެވެ.
ދިހަ ދުވަހުގެ މި ދަތުރު ނިންމާލުމަށްފަހު ޓީމު އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހެވެ.
19 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ޙުސައިން ޙާފިޒްމި ދަތުރުދާން ތައްޔާރުވެފައިވާ ޓީމަށް ވަނީ އެކަމަށް ޚާއްސަ ރަސްމިއްޔާތެއްގައި ޖާޒީ ހަވާލުކޮށްފައެވެ. ކްރިކެޓް ޓީމުގެ ކިޓު ސްޕޮންސާ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު ވެފައިވާ އެއްބަސްވުން ވަނީ ދާދި ފަހުން، އިތުރު އެއް އަހަރަށް އިތުރުކޮށްފައެވެ.
މީގެ ކުރިންވެސް ގައުމީ ކްރިކެޓް ޓީމުން ވަނީ އެމްއައިބީގެ ކިޓް ސްޕޮންސާޝިޕުގެ ދަށުން މުބާރާތްތަކުގައި ވާދަކޮށްފައެވެ. އެމްއައިބީން ވަނީ މިހާތަނަށް އައި އިރު ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.
ސީބީއެމްއިން ވަނީ މި އެއްބަސްވުމަކީ ކްރިކެޓު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެކަމަށް ޓަކައި ކްރިކެޓް ބޯޑުން ވަނީ އެމްއައިބީއަށް ޝުކުރުއަދާކޮށްފައެވެ.