ލަންކާއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ވެސް ރާއްޖޭގެ ހޭންޑްބޯޅަ ޓީމު މޮޅުވެއްޖެ

ލަންކާ ޓީމާ ދެކޮޅަށް މިއަދު ނުކުތް ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމު: އެ މެޗުން ރާއްޖެ މޮޅުވެފައިވަނީ 27-19 ލަނޑުން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ސްރީލަންކާގައި ތަމްރީންތަކެއް ފުރިހަމަކުރަމުންދާ ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ ދެ ވަނަ މެޗުން ލަންކާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ލަންކާ ޓީމާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗުން ރާއްޖެ މޮޅުވެފައިވަނީ 27-19 ލަނޑުންނެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން: މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވެފައިވަނީ 27-19 ލަނޑުން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މިއަދު ކުޅުނު އެ މެޗުގައި ވެސް ފުރަތަމަ މެޗެކޭ އެއްގޮތަށް ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މިދިޔަ އަންގާރަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ މޮޅުވެފައިވަނީ 21-26 ލަނޑުންނެވެ.

ލަންކާގައި ދިހަ ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަ ކުރަމުންދާ ރާއްޖޭގެ ހޭންޑްބޯޅަ ޓީމަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އުނދަގުލަކީ ތަމްރީންކުރާނެ ދަނޑެއް ނެތުމުގެ އުނދަގުލެވެ. އެކަމުގެ ސަބަބުން އެ ޓީމުގެ ތަމްރީނުތައް ކުރިއަށްގެންދަނީ ދިވެހި އެމްބަސީގެ ފުޓްސަލް ދަނޑުގައެވެ.

ލަންކާގައި ކުރިއަށްގެންދާ ތަމްރީންތަކަށްފަހު ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.

comment ކޮމެންޓް