ހޭންޑްބޯލް މޯލްޑިވްސްގެ ރެފްރީސް ކޮމިޝަނަށް މެންބަރުން ހޮވައިފިއެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ އަސާސީ ގަވާއިދުގެ ދަށުން ރެފްރީސް ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެ ކޮމިޝަނަށް ކުރިމަތިލާފައިވަނީ ހަތަރު މެންބަރެކެވެ.
އަސާސީ ގަވާއިދުގެ ދަށުން ރެފްރީސް ކޮމިޝަން އެކުލެވިގެންވަނީ ވެސް ހަތަރު މެންބަރުންގެ މައްޗަށެވެ. އެހެންކަމުން ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ އެ ހަތަރު މެންބަރުން އިންތިޚާބަކާ ނުލައި، މަގާމުތަކަށް ހޮވިފައިވާކަން އިއުލާންކޮށްފައެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރެފްރީސް ކޮމިޝަނަށް ހޮވިފައިވާ މެންބަރުންނަކީ އަބްދުﷲ ސަމީހާއި މުހައްމަދު ޝަނީފާއި އަހުމަދު ޝިހާމްގެ އިތުރުން ޝާމިން އިބްރާހީމެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ އަސާސީ ގަވާއިދުގެ ދަށުން އެ އެސޯސިއޭޝަނުން ވަނީ ކޯޗާސް ކޮމިޝަނަށް މެންބަރުން އިންތިހާބުކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނަށް ކުރިމަތިލާފައިވަނީ ހަތް މެންބަރެކެވެ.
ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ ކޯޗާސް ކޮމިޝަނަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 135 ކޯޗަކަށް ލިބޭ އިރު، އަތޮޅުތެރޭގައި ވެސް ގިނަ އަދަދެއްގެ ކޯޗުން ދިރިއުޅެމުންދާތީ، އޮންލައިން ވޯޓިން ޕްލެޓްފޯމެއް މެދުވެރިކޮށް ވޯޓުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުންޏެވެ.