އެސްބަރީގައި ރޯވީ ކަރަންޓް ޝޯޓަކުން؟ ބޮޑެތި ގެއްލުންތަކެއްވި

ސެޕްޓެމްބަރ 7، 2016: ގ. އެސްބަރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން: ގަޑިއެއްހާއިރުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނުއިރު، އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގ.އެސްބަރިގެ އާއި ގ.އަސޭނާގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިންގަން މެދުވެރިވީ ކަރަންޓް ޝޯޓަކުން ކަމަށް އެގޭގައި ދިރިއުޅޭ ފަރާތްތަކުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގި އެސްބަރި ގޭގައި ދިރިއުޅޭ ފަރާތަކުން މިއަދު ބުނީ ތަފްސީލެއް ނޭނގޭ ކަމަށާއި ގަބޫލް ކުރެވޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެއެވެ.

އަލިފާން ރޯވަން ދިމާވި ސަބަބު ފުލުހުން ތަހުގީގު ކުރަމުންދާއިރު އަދި ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ.

ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ 9:40 ކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި ތިން ފަންގިފިލާއަށް ހަދާފައި ހުންނަ އެދެ ގޭގެ ބޮޑުބައެއް ވަނީ އަނދާފައެވެ. އަސޭނާ ގެއަށް ފެތުރުނީ އެސްބަރިގޭގައި ރޯވި އަލިފާނެވެ. އެ ގޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް އަދި ގެއަށް ވަނުމަށް ހުއްދަ ނުދޭތީ ވީ ގެއްލުންތަކުގެ ތަފްސީލެއް ނޭނގެއެވެ.

އަލިފާންރޯވި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ރޯވި ވަގުތު އެ ދެގޭގައި 35 ވަރަކަށް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ބިދޭސީންނާއި ދިވެހިން ހިމެނޭ ކަމަށެވެ. އަލިފާނުގެ އަސަރު ނުކުރަނީސް އެމީހުން އެ ގެތަކުން ނެރުނުކަމަށް އޭނާ ބުންޏެވެ.

ގ. އެސްބަރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން: - ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ހާދިސާގައި އެދެގޭގެ އިތުރުން އެގެއާ އިންވެގެން ހުރި 10 ބުރީގެ އިމާރާތައްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވަނީ ވެފައެވެ. އެސަރަހައްދުގެ ގެތަކުން މީހުން ހުސްކުރިއިރު އޭގެ ތެރެއިން ބައެއް މީހުންތިބީ ވަގުތީ ހިޔާތަކުގައެވެ.

ފަސް މީހެއްގެ ހާލުބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އެކަމަކު ހާލު އެހާ ސީރިއަސްއެއް ނޫނެވެ.

އަލިފާނުގެ ހާދިސާ ހިނގީ ވަރަށް ދުވަސްވީ އިމާރާތަކަށްވާއިރު އަލިފާން ނިއްވުމަށް ރޭ ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. ނަމަވެސް ދޮޅު ގަޑިއެއްހާ އިރުގެ ތެރޭގައި ސިފައިން ވަނީ އަލިފާންގަނޑު ކޮންޓުރޯލް ކޮށްފައެވެ.

comment ކޮމެންޓް