ވ. އަތޮޅުގައި އޮންނަ ކަނޑުއަޑީގެ ހޮހޮޅައެއްގައި އިޓަލީގެ ފަސް ޑައިވަރަކު މަރުވުމާ ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ ޑައިވިން އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކުރައްވައިފިއެވެ.
އެ އޮޕަރޭޝަނަކީ ނިމުނު މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކައިރިއަށް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ފަސް ފަތުރުވެރިން ގެއްލުމާގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ފަތުރުވެރިން ހޯދުމަށް ފީނަން ގޮސް އުޅުނު ސިފައިންގެ މީހަކުވެސް މަރުވެފައިވާއިރު، އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދެއެވެ. އެ ހާދިސާގައި މަރުވެފައިވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްޓާފް ސާޖަންޓް، މުޙައްމަދު މަހުދީއެވެ.
އެ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު އަލީ އިޙްސާނާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
ބަންޑާރަކޮށީގައި ބޭއްވި އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފަސް ޑައިވަރުންގެ މަރު: ޑައިވް އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާ ފުލުހުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފުލުހުން
އެ ރަސްމިއްޔާތުގައި ވ. އަތޮޅުގެ ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވަނީ އެ އެންމެންނަށް ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.

ފަސް ޑައިވަރުންގެ މަރު: ޑައިވް އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާ ފުލުހުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފުލުހުން
ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިން ހޯދުމަށް ވަނީ ބޭރުގެ ކަމާބެހޭ މާހިރުންވެސް ގެނެސްފައެވެ. އެއަށްފަހު އެ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ.
ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ހޯދުނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ ތެރެއިންނެވެ. އެއީ ވ. އަލިމަތާ ކޭވްއެވެ.
އެ މީހުންގެ ހަށިގަނޑު އެ ހޮހޮޅައިގެ ތެރެއިން ނަގާފައިވަނީ ނިމުނު މެއި މަހުގެ 20 ވަނަ ދުވަހުގައެވެ. އެ ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އެ ފަތުރުވެރިންގެ ހަށިގަނޑު ނެގުމަށް ހިތްވަރުގަދަ މަސައްކަތްތަކެއް ކުރި ފިންލޭންޑުގެ ތިން ޑައިވަރަކަށް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ، އެ ގައުމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑާ އޮފް މެރިޓް" އަރުވައިފައިވެއެވެ.