ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިބާ

ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިބާ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު އިބާ މުހައްމަދު ހޮވިއްޖެ އެވެ.

ހިރިޔާ ސްކޫލުގެ ވޭތުވެދިޔަ ތިން އަހަރު ޕްރިފެކްޓުގެ މަގާމާއި އެ ސްކޫލުގެ ހުސްނުހީނާ ހައުސްގެ ކެޕްޓަން ކަން ކޮށްފައިވާ އިބާ ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން ގައުމީ ގަދަ 10ގެ އެއްވަނަ ހޯދާފައެވެ.

މިހާރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވަމުންދާ އިބާއަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާން، ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

ހިިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރުގެ އެންމެ މޮޅު ތިން ދަރިވަރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ހިރިޔާ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް އަލްމަރުހޫމް އަލީ ނާޒިމުގެ ހަނދާނުގައިދޭ އެ ސްކޫލުންދޭ ހާއްސަ އެވޯޑް ވެސް އިބާއަށް ވަނީ ރޭ ހަވާލުކޮށްފައެވެ. އެ އެވޯޑް އިބާއަށް ހަވާލުކޮށްދެއްވީ ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދެވެ.

މިދިޔަ އަހަރު ހިރިޔާ ސްކޫލުން ހުރިހާ ގޮތަކުން ދެވަނަ ހޯދީ، އޯލެވެލް އިމްތިހާނުން ގައުމީ ގަދަ 10ގެ އެއްވަނަ ހޯދި ގަޝާނަތު އަބްދުލް ވައްހާބެވެ. އަދި ތިން ވަނަ ހޯދީ އޯލެވެލް އިމްތިހާނުން ގައުމީ ގަދަ 10ގެ ހަތަރު ވަނަ ހޯދި އައިޝާތު އަހްލާމް ހަބީބެވެ.

ހިިރިޔާ ސްކޫލުން މިދިޔަ އަހަރުގެ އެންމެ މޮޅު ތިން ދަރިވަރުންނާއެކު އެ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ (ވ-3) އަދި ވިލާ ކޮލެޖުގެ ރެކްޓަރު އަންވަރާއެކު ފޮޓޯއަކަށް ހުއްޓިލައިގެން .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެކިވަނަތައް ހާސިލްކުރި ގްރޭޑް 8-10ގެ 45 ދަރިވަރަކަށް އިނާމު ހަވާލުކޮށްފައިވެ އެވެ.

ހާހަކަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވިދާޅުވީ، މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ހިރިޔާ ސްކޫލުން 103 ދަރިވަރުން ބައިވެރިވެ، ގައުމީ އަދި ދުނިޔޭގެ ގަދަ 10ގައި 13 ކުދިން ހިމެނިފައިވާ ކަމަށެވެ.

comment ކޮމެންޓް