ގްރޭޑް 8، 9ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އަންނަ އަހަރު

ދިރާސީ އަހަރުގެ ކިިޔެވުން ފެށުން: 8،9 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އަންނަ އަހަރު -- ސަން ފޮޓޯ/

މިހާރު ގްރޭޑް އަށެއް އަދި ނުވައެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އިއްޔެ އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ސޮއިކުރައްވާ ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މި އަހަރު ގްރޭޑް އަށެއް އަދި ނުވައެއްގައި ކިޔަވަމުން އަންނަ ކުދިންގެ އޯލެވެލް އިމްތިހާނު ބާއްވާ ތާރީޚު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ.

އޯލެވަލް ބާއްވާ ތާރީހުތައް:

  • ގްރޭޑް 8: އޮކްޓޯބަރު/ ނޮވެމްބަރު 2026
  • ގްރޭޑް 9: ފެބްރުއަރީ/ މާޗު 2026
  • ގްރޭޑް 10: މޭ/ ޖޫން 2025

ދިރާސީ އާ އަހަރު ފެށިއިރު އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ -- ސަން ފޮޓޯ: މާހިލް އާތިފް

އެ ސާކިއުލާގައި ބުނީ އެ ބަދަލަކީ ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ސާނަވީ ނިންމާ އިމްތިހާނުތަކަށް ގެނައި ބަދަލެއް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން ސާނަވީ ނިންމާ އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު/ ނޮވެމްބަރުގައި ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޯލެވެލްއަށް ތައްޔާރުކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ގްރޭޑް އަށެއްގައި ކިޔަވަމުން އައި ކުދިންނަށް ކެމްބްރިޖްގެ މާއްދާތައް ކިޔަވައިދޭން ވެސް ފަށައިފައެވެ. މީގެ ކުރިން ކެމްބްރިޖްގެ މާއްދާތައް ކިޔަވައިދޭން ފަށަނީ ގްރޭޑް ނުވައެއްގައެވެ.

ދިރާސީ އައު އަހަރު ޖަނަވަރީ މަހު ފެށުމަކީ ދިވެހި ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ އެއް ސަގާފަތެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން އިތުރު ހަ މަސްދުވަހަށް ދަންމާލަން ޖެހުނެވެ.

އެއާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރަސްމީކޮށް އަހަރުގެ މެދުތެރޭ ފަށާގޮތަށް ބަދަލުކޮށް އޯގަސްޓް މަހުގެ ކުރީކޮޅު ކިޔަވައިދޭން ފަށާގޮތަށް 2020 ވަނަ އަހަރުން ފެށިގެން ބަދަލު ކުރިއެވެ.

ނަމަވެސް ޖެނުއަރީ މަހު ދިރާސީ އާ އަހަރު ފަށަން އަނެއްކާ ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް