މިޑްޓާމް ބަންދަށް ފަހު ސްކޫލުތަކުގެ ކިޔެވުން ފަށައިފި

މިޑްޓާމް ބަންދަށް ފަހު ކުދިން އެނބުރި ސްކޫލަށް ދަނީ: ސްކޫލުތައް ހުޅުވުނީ ދެ ހަފުތާގެ ބަންދަކަށް ފަހު -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ މިޑްޓާމް ބަންދަށް ފަހު މިއަދު ސްކުލުތަކުގައި ކިޔެވުން ފަށައިފިއެވެ.

ސްކޫލުތައް އަލުން ހުޅުވުނީ އާ އަހަރުގެ ބަންދާ އެކު ލިބުނު ދެ ހަފުތާގެ ބަންދަށް ފަހެވެ.

ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހު ދަރިވަރުން ދެވަނަ ޓާމުގެ ކިޔެވުން ފެށީ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހެވެ.

އެގޮތުން، ފުރަތަމަ ޓާމު 96،000 ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ. އޭގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މިޑްޓާމް ބަންދަށް ފަހު ސްކޫލު ހުޅުވުން: ސްކޫލުތައް ހުޅުވުނީ ދެ ހަފުތާގެ ބަންދަކަށް ފަހު -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

އެ ދަރިވަރުންގެ ތެރެއިން ވެސް އަމިއްލަ މަދަރުސާތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރިއިރު، އޭގެ ތެރެއިން 9،000 އެއްހައި ދަރިވަރުން ކިޔެވީ މާލޭ ސަރަހައްދުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލު ބަންދުގައި ގިނަ ބަޔަކު ވަނީ އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކޮށްފައެވެ. އެކަމަކު، މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ބައެއް ދަތިތައް ކުރިމަތިވިއެވެ. އެކަމަކު، މިހާރު މޫސުން ރަނގަޅުވަމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް، ނިމުނު ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވެސް ވަރަށް ބޯކޮށް ވިއްސާރަކުރިއެވެ.

comment ކޮމެންޓް