ދިވެހި ސަރުކާރާ ގުޅޭގޮތުން އަލްޖަޒީރާ އިން ގެނެސްދޭން އުޅޭ ޑޮކިއުމެންޓްރީ އަކީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބަޔަކާ ގުޅިގެން ރާއްޖޭގެ އަގުވައްޓާލަން ކުރާ މަސައްކަތެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ އެމްޔޫއޯ އިން އެ މަސައްކަތް ކުރަނީ "ކޮންމެވެސްތާކުން ލާރި ގަނޑެއް ހޯދައިގެން" ކަމަށެވެ.
"ވެގެން އުޅޭގޮތަކީ އެއްވެސް ކަހަލަ އައިޑެންޓިޓީއެއް ނެތް ބަޔަކު ރާއްޖޭގެ ބޭރުގައި އެމްޔޫއޯ އެއް ނަމަވެސް އެއްޗެއް ހަދައިގެން، އެއްވެސް އައިޑެންޓިޓީއެއް ނެތް ބަޔަކު ރާއްޖޭގެ އަގު ވައްޓާލަން ވެގެން ކޮންމެވެސްތާކުން ލާރި ގަނޑެއް ހޯދައިގެން ބަޔަކާ އެކު ގުޅިގެން މަސައްކަތް މި ކުރަނީ،" ތޯރިގު ވިދާޅުވިއެވެ.
އެ ޑޮކިއުމެންޓްރީ އަކީ ވަރަށް ފެންވަރު ދަށްކޮށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ވިދާޅުވެ، އެ ޑޮކިއުމެންޓްރީ ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު ވިލް ޖޯޑަން އަށް ތޯރިގު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑަށް ހީވަނީ އަލްޖަޒީރާ ކަހަލަތަނެއްގައި ބަދިގޭގަ ކައްކަން ކަންނޭނގެ މިކަހަލަ ބޭފުޅުން އުޅުއްވާނީ. ވަރަށް ފެންވަރު ދަށްކޮށް ހަދާފަ އޮތް ރިޕޯޓެއް މިއީ،" ތޯރިގު ވިދާޅުވިއެވެ.
އަލްޖަޒީރާ އިން ދައްކަން އުޅޭ އެ ޑޮކިއުމެންޓްރީ އަކީ އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ބިރުދެއްކުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން އުޅެނީ އެ ޑޮކިއުމެންޓްރީ އަކީ ދިވެހި ރައްޔިތުންނަށް ވަރަށް މޮޅު އެއްޗެއް ކަމަށް ދައްކައިގެން އެކަމުގެ ސަބަބުން "ރާއްޖެއަށް ވަރަށް ގިނަ ކަންތައް ވާނެ ކަމަށް ހަދައިގެން" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އެ ރިޕޯޓުގައިކޮށްފައިވާނެ ކަމަށް އަލްޖަޒީރާ އިން ބުނެފައިވާއިރު، ތޯރިގު ވިދާޅުވީ ކޮންމެ އެއްޗެއް ކިޔާފަ ވެސް ތުހުމަތެއް ކުރެވިދާނެ ކަމަށާއި އެފަދަ ތުހުމަތުތައް ޝަރުއީ ކޯޓެއްގައި ސާބިތުވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އަލްޖަޒީރާ އިން ނެރޭ ޑޮކިއުމެންޓްރީގައި ސަރުކާރާ ގުޅޭގޮތުން ތުހުމަތުކޮށްފައިވާ ކަންކަން ކޯޓެއްގައި ސާބިތުނުވާހާ ހިނދަކު ރާއްޖެއަށް މާ ބޮޑެތި ގެއްލުންތަކެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއް ވެސް މި ސަރުކާރުން ކޮށްފައި ވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށްވުރެ "އެތައް ހާސްބައި ރަނގަޅަށް" ކަމަށެވެ.
ތޯރިގުގެ އެ ވާހަކަފުޅުތަކާ ގުޅިގެން އެމްޑީޕީގެ އިންޓަނޭޝަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު ސަން އަށް ވިދާޅުވީ ބައިނަލްއަގުވާމީ މީޑިއާގެ ނިޒާމް މަސައްކަތްކުރާ ގޮތް ތޯރިގަށް ފަހުމްނުވާކަން އޭނާ ދެއްކެވި ވާހަކަފުޅުތަކުން އެނގޭ ކަމަށެވެ. އަދި ދައުލަތުގެ މިނިސްޓަރުން ފެންވަރުގައި އެފަދަ ކަންކަން ފަހުމްނުވާކަމީ ވެރިކަން ވެއްޓޭނެ ސަބަބު ކަމަށް ވެސް ހާމިދު ވިދާޅުވިއެވެ.