ނިއު އާއި ޔޫވީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މުބާރާތުގައި ނިއު އާއި ޔޫވީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ފޮޓޯ: އީގަލްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ނިއު އާއި ޔޫވީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ހަސަން އިނާދު އަލީ ޔޫވީ އަށް ލީޑު ނަގައިދިން ނަމަވެސް، މެޗުގެ 39 ވަނަ މިނެޓުގައި އިބްރާހިމް އިމާދު ވަނީ ނިއު އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އެ މުބާރާތުގައި ޔޫވީ ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި އިރު، ނިއު ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން ވަނީ އެއްވަރުވެފައެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއް މިއަދު ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.

އެފްއޭއެމުން 21 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް މި އަހަރު އަލުން ފަށާފައިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ޔޫތު ޗެމްޕިއަންޝިޕް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ބާއްވަމުންދިޔައެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސްއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްއެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.

comment ކޮމެންޓް