ބޮޑު އެދުމަކާއެކު، ގައުމީ ދަނޑު ގުގުމާލުމަށް ކުޅުދުއްފުށިން 220 ސަޕޯޓަރުން!

މާދަމާ ރޭގެ މެޗަށް ކުޅުދުއްފުށިން ފުރި ސަޕޯޓަރުން: އެ މެޗުގައި ކުޅުދުއްފުށީ ސަޕޯޓަރުންގެ އަޑުތައް އިވިގެންދާނެ --- ފޮޓޯ: އަބްސީ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެތައްބައެއްގެ ސަމާލުކަން ހޯދި ހދ. ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުން މިއަދު ހަވީރު އެ ރަށުން މާލެ އައުމަށް ފުރައިފިއެވެ. ކުޅުދުއްފުށީގެ 220 ސަޕޯޓަރުންނާއެކު މިއަދު ފުރި އިރު، އެ ސަޕޯޓަރުންގެ އަޑުން މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑު ގުގުމައިލާނެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ ކުޅޭ މެޗަކީ ވަރަށް ވެސް ހާއްސަ މެޗެކެވެ. ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމު ނުވަތަ ގޯލްޑް ޓީމުގެ ނަމުން މަޝްހޫރުވެފައިވާ ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ޠާރިގް ދައުވަތު އަރުވާފައި ވަނީ ވެސް ހާއްސަ ސަޕޯޓަރުންތަކަކަށެވެ.

ކުޅުދުއްފުށީގެ ސަޕޯޓަރުން: މާދަމާ ރޭ ކުޅޭ ހާއްސަ މެޗަށް ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދު ހަވީރު އެ ރަށުން މާލެ ދިއުމަށް ވަނީ ފުރާފައި -- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ކުޅުދުއްފުށިން މިއަދު ހަވީރު ފުރި ބޯޓުގެ ދަތުރަކީ ސަޕޯޓަރުންނަށް ހާއްސަ ދަތުރެކެވެ. އެ ބޯޓު ފުރާލާފައިވަނީ ވެސް ކުޅުދުއްފުށީ ފުޓްބޯޅަ ސަޕޯޓަރުންނާއެކު އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންގެ ސްޓިއަރިން ކޮމިޓީގައި އެންމެ އިސްކޮށް މަސައްކަތްކުރާ އަބްދުލްރަޝީދު ސައީދު (އަބްސީ) 'ސަން' އަށް މައުލޫމާތުދެމުން ބުނީ، ގައުމީ ޓީމުގެ މެޗަށް މާދަމާ ރޭ އެއް ގަޑިއިރު ކުރިން ދަނޑަށް ވަދެ ތައްޔާރީތައް ވާނެ ކަމަށެވެ.

ކުޅުދުއްފުށީގެ ސަޕޯޓަރުން: މާދަމާ ރޭ ކުޅޭ ހާއްސަ މެޗަށް ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދު ހަވީރު އެ ރަށުން މާލެ ދިއުމަށް ވަނީ ފުރާފައި -- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

"އެ މެޗަށް އަޅުގަނޑުމެން ތައްޔާރު. އަޅުގަނޑުމެން އެ މެޗަށް ފޭސްޕެއިންޓް ބޭނުންކުރާނަން. އެންމެ ފަހުގެ ތައްޔާރީތަކަށް އަޅުގަނޑުމެން ގަޑިއެއްހާ އިރު ކުރިން ދަނޑަށް ވަންނާނަން. އަޅުގަނޑުމެން ރޭގެ ވަގުތެއްގައި ދަތުރުގައި ބައިވެރިވާ އެންމެންނާ ވާހަކަދައްކައި، މަޝްވަރާތަކެއް ކުރިން،" އޭނާ ބުންޏެވެ.

އެ މެޗަށް ތައްޔާރުވެފައިވާ ކުޅުދުއްފުށީ ސަޕޯޓަރުންގެ ވަރަށް ހާއްސަ އެދުމެއް ވެސް އެބައޮތެވެ. އެއީ އެ މެޗަށް ވަންނަ އެހެން ސަޕޯޓަރުންނާއި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ކުޅުދުއްފުށީ ސަޕޯޓަރުންގެ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑް ޓީމުގެ ސަޕޯޓަރުން ބޭނުންކުރި "ވައިކިން ކްލެޕް" ވެސް ހިމެނެއެވެ. ކުޅުދުއްފުށީ ސަޕޯޓަރުން ހާއްސަ ވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެ އަތްތިލަބަޑިއެވެ.

ކުޅުދުއްފުށީގެ ސަޕޯޓަރުން: މާދަމާ ރޭ ކުޅޭ ހާއްސަ މެޗަށް ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދު ހަވީރު އެ ރަށުން މާލެ ދިއުމަށް ވަނީ ފުރާފައި -- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

"އަޅުގަނޑުމެންގެ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު އަޅުގަނޑުމެންނާއެކު ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަދި އަޅުގަނޑުމެން މެޗަށް ފަހު އެންމެ ފަހުން ކުރިއަށްގެންދާ އަތްތިލަބަޑީގެ ހަރަކާތުގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވުމަކީ ވެސް އަޅުގަނޑުމެންގެ އެދުމެއް،" އަބްސީ ބުންޏެވެ.

މާދަމާ ރޭ 9:00ގައި ފަށާ ހާއްސަ މެޗަށްޓަކައި އެފްއޭއެމުން ވެސް ދަނީ ގިނަ ކަންތައްތަކެއް ރާވައި، މަސައްކަތްތަކެއް ކުރަމުންނެވެ. އެ މެޗަށް ހާއްސަ މެހެމާނުންގެ ގޮތުގައި ދެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ރޮބާޓޯ އަޔާލާ އާއި ޒަވީ ހެނާންޑޭޒް ގެނެސްފައިވާ އިރު، ގޯލްޑް ޓީމުގެ ކޯޗު ޖޯސެފް ޔަންކޭ ވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

comment ކޮމެންޓް