މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މެއިން ސްޕޮންސަރަކަށް އެމްއޭސީއެލް

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޓާޓޯ އިން އިސްނަގައިގެން ރާއްޖޭގެ ޓޫރިޒަމް ސެކްޓާގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑް، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައިފިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގިނަ ސްޕޮންސާތަކަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ގިނަ ޕާޓްނަރުންތަކެއް މިއަހަރުގެ އެވޯޑް ސްޕޮންސާކޮށްފައިވާ އިރު އެ އެވޯޑް އިންތިޒާމުކޮށް ހިންގަން މިފަހަރު ހަވާލުވެފައި ވަނީ ތިންކް އެޑްވަޓައިޒިން އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މެއިން ސްޕޮންސަރުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މުސާ އެވެ. ތިންކް އެޑްވަޓައިޒިންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދީލް އިސްމާއިލް އެވެ.

އެމްއޭސީއެލް އާއި ތިންކް އެޑްވަޓައިޒިން އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޮއިކުރެއްވުމަށްފަހު ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކުރައްވައި އާދިލް ވިދާޅުވީ، މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެއް އެވޯޑަށްވާ އިރު، އެ އެވޯޑްގެ ހުރިހާ ކަމެއްގައި އެމްއޭސީއެލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިރޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ހަމަޖައްސާފައިވާ ސްޕޮންސަރުންގެ ތެރޭގައި، އޮފިޝަލް ހޯސްޓް އަކަށް ހަމަޖައްސާފައި ވަނީ ބަނޑޮސް މޯލްޑިވްސް އެވެ. ސިލްވަ ސްޕޮންސަރުންގެ ގޮތުގައި އެލައިޑް އިންޝުއަރަންސް އަދި އެފްއެސްއެމް ހަމަޖައްސާފައިވާ އިރު، ސައުންޑް އެންޑް ލައިޓިން ޕާޓްނަރަކީ ޕޮޕްޖޯއި އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިވެންޓް ޕާޓްނަރުންގެ ތެރޭގައި އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ދިރާގެވެ. އިންޓަނޭޝަނަލް އެއާލައިން ޕާޓްނަރަކަށް އެތިހާދް އެއާވޭސް ހަމަޖައްސާފައިވާ އިރު އޮފިޝަލް ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާއެވެ. އޮންލައިން ޓްރެވަލް މިޑިއާ އަކަށް އެމްވީ ހޮޓެލް ހަމަޖައްސާފައިވާ އިރު އޮފިޝަލް މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ. މިހާރު އޮންލައިން އަކީ އޮންލައިން މިޑިއާ ޕާޓްނަރެވެ.

އޭގެ އިތުރުން އެސޯސިއޭޓް ޕާޓްނަރަކަށް މޯލްޑިވްސް ގެޓްއަވޭ ހަމަޖައްސާފައިވާ އިރު މޯލްޑިވްސް ޑޮޓްކޮމް އަކީވެސް އެސޯސިއޭޓް ޕާޓްނަރުންނެވެ. މި އެވޯޑްގެ އޮންލައިން ޓްރެވަލް ވެބްސައިޓަކީ މޯލްޑިވްސް ޑޮޓް ނެޓް ޑޮޓް އެމްވީ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، މިހާރު އެ އެވޯޑަށް 243 ފަރާތެއް ނޮމިނޭޓްވެފައިވާ ކަމަށެވެ. ގިޔާސް ފާހަގަކުރެއްވީ އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 100 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ގިޔާސް ވިދާޅުވީ މިއަހަރުގެ އެވޯޑަކީ އެހެން އަހަރުތަކަށް ވުރެ ކާމިޔާބު އެވޯޑަކަށް ހެދުމަށް ހުރިހާ ސްޕޮންސަރުންނާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012 ވަނަ އަހަރު ދޭން ފެށި ފަހުން ދަނީ ކޮންމެ އަހަރަކު ވެސް އާ ކެޓެގަރީތަކެއް ތައާރަފު ކުރަމުންނެވެ.

މިފަހަރު އަލަށް އިތުރުކޮށްފައިވާ ފަސް ކެޓަގަރީ އަކީ، ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖް އެވެ. އެ ފަސް ކެޓަގަރީއާ އެކު މިއަހަރު ޖުމްލަ 35 ކެޓަގަރީއަކުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދޭނެއެވެ.

comment ކޮމެންޓް