''ބެންޓެކޭ އަކީ ލަޔަނެލް މެސީއެއް ނޫން''!

ކްރިސްޓިއަން ބެންޓެކޭ ވަނީ، 2015 ވަނަ އަހަރުގެ ޖުލައި މަހު ލިވަޕޫލާ ގުޅުމަށްފަހު އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައި -- ފޮޓޯ: ބީބީސީސްޕޯޓްސް

ކްރިސްޓަލް ޕެލަސްއާ އަލަށް ގުޅުނު ބެލްޖިއަމް ފޯވާޑް ކްރިސްޓިއަން ބެންޓެކޭ އަކީ، އާޖެންޓީނާގެ ތަރި ލަޔަނެލް މެސީ ނޫން ކަމަށާއި އެހެންކަމުން ބެންޓެކޭއަށް މުޅި ސްކޮޑުގެ އެހީތެރިކަން ބޭނުންވާނޭކަމަށް އެޓީމުގެ ޑިފެންޑަރު ޑެމިއަން ޑިލޭނީ ބުނެފިއެވެ.

ބެންޓެކޭ ލިވަޕޫލުން ޕެލަސްއާ ގުޅުނީ، 27 މިލިއަން ޕައުންޑުގެ ކްލަބް ރެކޯޑް ފީއަކަށެވެ.

ޕްރިމިއަރ ލީގުގައި ޕެލަސް މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެއީ ވެސްޓް ބްރޮމްއާއި ޓޮޓެންހަމް އަތުންނެވެ. އެ ދެމެޗުންވެސް ޕެލަސް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

"އަހަރެމެން މި ސޮއިކުރުވީ މެސީ ލައްވައެއްނޫން. އެއީ މޮޅު ކުޅުންތެރިއެއް އެކަމަކުވެސް އަމިއްލައަށް ބޯޅަ ހޯދައިގެން ހުރިހާ ކަމެއް ކުރެވޭވަރު ކުޅުންތެރިއެއް ނޫން،" ބެންޓެކޭއާ ގުޅޭ ގޮތުން އިވްނިންގް ސްޓޭންޑަރޑަށް ޑިލޭނީ ބުންޏެވެ.

"އަހަރެމެން ޖެހޭ އޭނާއަށް ފުރުސަތުތަކެއް ހޯދައިދޭން. ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްދީ، އޭނާއަށް ބޯޅަތައް ސަޕްލައިކޮށްދޭން ޖެހޭ."

އިނގިރޭސި ފުޓްބޯލް ލީގުކަޕްގައި މިރޭ ބްލެކްޕޫލާ ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅޭ މެޗަކީ ބެންޓެކޭ އެޓީމަށް ކުޅޭ ފުރަތަމަ މެޗަށް ވުން ގާތެވެ.

ޑިލޭނީ ބުނީ، ބެންޓެކޭ ޓީމާ ގުޅުމުން ޕެލަސް އިތުރަށް ވަރުގަދަވެގެން ދާނޭ ކަމަށާއި ހަމައެހެންމެ ކޮނާ ވިކެމް ފަދަ ފޯވާޑެއް ޓީމުގައި ހިމެނުމަކީވެސް އިތުރު ހިތްވަރެއް ކަމަށެވެ. އެހެންކަމުން މިވަގުތު ގިނަ ވާހަކަތައް ނުދައްކައި މެޗުތަކުން މޮޅުވުމަށް އަޒުމު ކަނޑައެޅުމަށް އޭނާ ކުޅުންތެރީންގެ ކިބައިނެ އެދުނެވެ.

ކްރިސްޓިއަން ބެންޓެކޭ ވަނީ، 2015 ވަނަ އަހަރުގެ ޖުލައި މަހު ލިވަޕޫލާ ގުޅުމަށްފަހު އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް