އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފަޑް އާއި ބޯންމޯތު ބައްދަލުކުރި މެޗު ފަހަތުން އަރައި، ބްރެންޓްފަޑުން ކާމިޔާބުކޮށްފިއެވެ.
ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.
މިދިޔަ ހަފުތާގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކުރި ބޯންމޯތުން މި މެޗު ވެސް ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ބްރެންޓްފަޑްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބޯންމޯތުން މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެވަނީލްސަނެވެ.
ނަމަވެސް، ބޯންމޯތަށް މި ލީޑު ދެމެހެއްޓޭވަރުވީ 10 މިނެޓް ވަންދެނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ބްރެންޓްފަޑްގެ ޔޮއާން ވީސާ ޖަހާދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވެގެންދިޔައެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް މިމެޗުގެ ދެވަނަ ހާފުވެސް ބޯންމޯތުން ފެށީ ވަރަށް ފޯރީގައެވެ. ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޖަސްޓިން ކްލައިވާޓް ޖަހައިދިން ލަނޑުން އަނެއްކާ ވެސް ބޯންމޯތުން މި މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް، މި ފަހަރު އެ ޓީމަށް ލީޑު ދެމެހެއްޓޭވަރުވީ އެންމެ މިނެޓެއް ވަންދެނެވެ. މި ފަހަރު މެޗުގެ ނަތީޖާ ބްރެންޓްފަޑަށް ހަމަހަމަކޮށްދިނީ މިކޭލް ޑަމްސްގާޑެވެ. މި ލަނޑު ޖެހިތާ އަށް މިނެޓް ފަހުން މެޗުން ބްރެންޓްފަޑް މޮޅުވި ލަނޑު ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ވީސާއެވެ.
މި ހާފުގައި ބްރެންޓްފަޑަށް މެޗުގެ ލީޑު އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދިޔައިރު ބޯންމޯތަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެން ގޮސްފައެވެ.
މި ކާމިޔާބީއާ އެކު ބްރެންޓްފަޑް މިހާރު ވަނީ 16 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ބޯންމޯތު އޮތީ 15 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގައެވެ.
މުބާރާތުގައި ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރު ވެގެންނެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ވެސްޓް ހޭމް މިހާރު އުޅެނީ 12 ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ. އެވަޓަން އުޅެނީ 10 ޕޮއިންޓާ އެކު 16 ވަނައިގައެވެ.