ނިއުކާސްލްއިން ފޮރެސްޓްގެ މައްޗަށް ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިއުކާސްލުން ކާމިޔާބުކޮށްފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސްލުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖަހާ ލީޑު ނަގާފައިވަނީ ފޮރެސްޓްއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުރީލޯއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަވެގެންދިޔައެވެ.

ދެވަނަ ހާފުގައި ނިއުކާސްލްގެ ފަރާތުން ފެނިގެންދިޔައީ ފުރަތަމަ ހާފަށްވުރެ ގޯލާއި ރައްޓެހި ކުޅުމެކެވެ.

މެޗުގެ 54 ވަނަ މިނެޓުގައި އެލެގްޒެންޑާ އިސާކްވަނީ ނިއުކާސްލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ލީޑު ނިއުކާސްލުން ނަގާފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައި ޖޯލިންޓަން ޖަހައިދިން ލަނޑުންނެވެ. އެ ޓީމުގެ ފަހު ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާވީ ބާންސްއެވެ.

މި ކާމިޔާބީއާ އެކު ނިއުކާސްލް އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ އަށްވަނައިގައެވެ. ފޮރެސްޓް އޮތީ 19 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގައެވެ.

މުބާރާތުގައި އިޕްސްވިޗް ޓައުންއާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-1 އިން ކާމިޔާބުކޮށް، އިޕްސްވިޗް ވަނީ މި ސީޒަންގައި ލީގުގައި ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.

މެޗުގައި އިޕްސްވިޗުން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ މެޗުގައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 31 ވަނަ މިނެޓުގައި ސެމީ ޒުމޯޑިކްސް އަދި 43 ވަނަ މިނެޓުގައި ލިއާމް ޑެލަޕްއެވެ. މެޗުގައި ސްޕާސްއިން ކާމިޔާބުކުރި ހަމައެކަނިި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮޑްރިގޯ ބެންޓަންކޫއެވެ.

މުބާރާތުގައި މިހާތަނަށް އިޕްސްވިޗް އިން ކުރީގައި ލީޑު ނެގުމަށް ފަހު ބަލިވެފައިވާތީ ސްޕާސްގެ މި ލަނޑާ އެކު އަނެއްކާ ވެސް އެކަން ތަކުރާރުވެދާނެ ކަމަށް ބެލެވިގެން ދިޔައެވެ. ނަމަވެސް, އިޕްސްވިޗުން ހިތްވަރާ އެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ މެޗަކުން ފުރަތަމަ ފަހަރަށް އެ ޓީމު މޮޅުވެގެން ނިމުމެވެ.

މި ކާމިޔާބީއާ އެކު އިޕްސްވިޗް މިހާރު ވަނީ އަށް ޕޮއިންޓާއެކު ތާވަލުގެ 17 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި، ސްޕާސް އޮތީ 16 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.

comment ކޮމެންޓް