އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ޗެލްސީއާއި އާސެނަލް އެއްވަރުވުމުން، ތާވަލުގެ އެއްވަނައިގައި އޮތް ލިވާޕޫލާއި މި ދެ ޓީމާ ދެމެދުގައިވާ ފަރަގު ވަނީ ނުވަ ޕޮއިންޓަށް ފުޅާވެފައެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އާސެނަލުން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ލީޑު ނެގުނު ކަމަށް ހީވިއެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް އަވަސްކޮށް ކުޅުމާ އެކު ކައި ހަވާޓްޒް ޗެލްސީގެ ގޯލަށް އެ ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރުން ބެރުލަށް ފަހު އެ ލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ގެބްރިއެލް މާޓިނެއްލީއެވެ. ނަމަވެސް، އާސެނަލްއަށް މިލީޑު ދެމެހެއްޓޭވަރުވީ 10 މިނެޓް ވަންދެނެވެ. މެޗުގެ 70 ވަނަ މިނެޓްގައި ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ ޕެޑްރޯ ނޭޓޯއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ވަރަށް ބަލާލާފައި ތިރިތިރިން ފޮނުވާލި ހަމަލާ ގޯލަށް ވަންއިރު ކީޕާ ޑޭވިޑް ރާޔާއަށް ވެސް މާ ބޮޑު ވަރެއް ކުރެވޭގޮތެއް ނުވިއެވެ.
މި މެޗު އެއްވަރުވުމުން އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ކާމިޔާބީއެއް ހޯދޭގޮތްވަނީ ނުވެފައެވެ.
މިމެޗު އެއްވަރު ވުމުން ޗެލްސީ މިހާރު އޮތީ 19 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ. އާސެނަލަށް ވެސް 19 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ލަނޑަށް ބަލާއިރު އެ ޓީމަށް ލިބެނީ ތާވަލުގެ ހަތަރުވަނައެވެ. ދެ ޓީމާއި އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދުގައިވާ ފަރަގު މިހާރު އޮތީ ނުވަ ޕޮއިންޓްގައެވެ.