ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ބަލިވެ، ބީޖީ ސްޕޯޓްސް އަނެއްކާވެސް ލީގުގެ ފުލަށް ވެއްޓިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އުރީދޫ ދިވެހި ޕްރިމިއާ ލީގު ދެވަނަ ބުރުގެ މެޗުގައި ބީޖީ އަތުން ވިކްޓަރީ މޮޅުވީ 3-2 ލަނޑުންނެވެ.
އެ ނަތީޖާއާ އެކު ކުޅުނު 14 މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނަ އަށް ވިކްޓަރީ ޖެހިލި އިރު، ކުޅުނު 14 މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ބީޖީ ވަނީ ލީގުގެ އަށް ވަނައަށް ވެއްޓިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު 13 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ކުޅުނު 13 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ވިކްޓަރީންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ކުރީކޮޅު ވިކްޓަރީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެ ލަނޑު ވިކްޓަރީ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އޮމޮދޫ ގޮޑްފްރޭ ވެސްޓެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ރިލްވާން ވަހީދު (ރިލޭ) ދިން ބޯޅައަކުން އެ ލަނޑު ވިކްޓަރީ އަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިސްވާނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ބީޖީން ވަނީ ލަނޑެއް ޖަހައި، ވިކްޓަރީން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފަ އެވެ. ބީޖީ އަށް ލިބުނު ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ބީޖީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ޑޭވިޑް އޮސަގިއޭ އަޑެލެކޭ އެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ބީޖީ އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކިންގްސްލީ އެލެޗީ ނަގައިދިން ހުރަހަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޑެނިއެލް ފިލެމޮން ބޮލުން އުފެއްދި ހަމަލާ، ކީޕަރު އިބްރާހިމް އިފްރާހް އަރީފް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 44 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ އަލުން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ބީޖީގެ ޑިފެންޑަރުންނަށް ޕެނަލްޓީ އޭރިޔާ ތެރެއިން ރަނގަޅަށް ބޯޅަ ދިފާއު ނުކޮށްލެވުމުން ލިބުނު ބޯޅައަކުން ވިކްޓަރީ އަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ބިދޭސީ ޑިފެންޑަރު މައިސިއަޓް އެންތޮނީ ފިލިޕް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ވިކްޓަރީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރިލޭ އަށް ލިބުނު ބޯޅައަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އޭނާ އުފެއްދި ހަމަލާ، ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ބީޖީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީ އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ބިދޭސީ ފޯވަޑް ކިންގްސްލީ އެލެޗީ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް ޝިޔާމް (ދޮނާ) އަށް ކުރި ފައުލަކާ ގުޅިގެން ކީޕަރު އިފްރާހަށް ރަތް ކާޑެއް ދައްކައި، ބީޖީ އަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. އިފްރާހަށް ރަތް ކާޑު ދެއްކުމުން ވިކްޓަރީން އިބްރާހިމް ޝާތިރުގެ ބަދަލުގައި ކީޕަރު ހަސަން ތޮލާލް ކުޅެން އެރުވި އެވެ. ބީޖީ އަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެޗީ އެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.