އޮލިމްޕިކްސްގެ 200 މީޓަރު ދުވުން ކާމިޔާބުކޮށް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސައިން ބޯލްޓް ރަން މެޑަލް ދިފާއުކޮށްފިއެވެ.
ބޯލްޓް ވަނީ އެންމެ ފަހުން ބޭއްވި ދެ އޮލިމްޕިކްސްގައި ވެސް 200 މިޓަރުގެ ދުވުން ކާމިޔާބުކޮށް ރަން މެޑަލް ހޯދައިފައެވެ. 200 މީޓަރުގެ އިތުރުން 100 މީޓަރާއި ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭގެ އެންމެ ފަހުގެ ދެ އަހަރު ވެސް ރަން މެޑަލް ހޯދާފައިވަނީ ބޯލްޓްއެވެ.

އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުގައި އެތުލީޓުން ދުވަނީ، އެންމެ ކުރީގައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ބޯލްޓް --- ފޮޓޯ: އޭޕީ
މިހާރު ބްރެޒިލްގެ ރިއޯ ޑި ޖެނީރިއޯގައި ކުރިއަށްދާ އޮލިމްޕިކްސްގެ 200 މީޓަރު ދުވުން ބޯލްޓް ކާމިޔާބުކުރީ 19.78 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކޮށް ސިލްވާ މެޑަލް ހޯދީ 20،02 ސިކުންތުން ރޭސް ނިންމި ކެނެޑާގެ އަންދްރޭ ޑި ގްރާސޭއެވެ. ފްރާންސްގެ ކްރިސްޓޮފޭ ލެމައިޓްރޭ، ލޯ މެޑަލް ހޯދިއިރު އޭނާ ރޭސް ނިންމީ 20.12 ސިކުންތުންނެވެ.
"އަހަރެން ބޭނުންވި މިއަށް ވުރެން ވެސް އަވަހަށް ރޭސް ނިންމަން. ނަމަވެސް ރަން މެޑަލް ލިބުމުން މި ހުރީ އުފަލުން. އެއީ އަހަރެން ރިއޯ އަށް މިއައީ ވެސް ރަން މެޑަލް ހޯދުމުގެ ބޭނުމުގައި،" ބޯލްޓް ބުންޏެވެ.

އޮލިމްޕިކްސްގެ 200 މީޓަރު ދުވުން ބޯލްޓް ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ބޯލްޓް ބުނީ އޭނާ ކުރަމުން ދަނީ ދުވުމަށް މީހުން ޝައުގުވެރިކުރުވައި އެކުޅިވަރަށް މީހުން ލޯބި ޖެއްސުމުގެ މަސަތްކަތް ކަމަށާއި މިހާރު އެކަން ވަރަށް ރަނގަޅަށް ހާސިލުވަމުން އަންނަ ކަމަށެވެ.
ބޯލްޓް މިހާރު ތައްޔާރު ވަމުން އަންނަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ 4 ގުނަ 100 މީޓަރު ދުވުން ކާމިޔާބުކޮށް ޖެހިޖެހިގެން އޮލިމްޕިކްސްގެ ދުވުމުގެ ތިން އިވެންޓުން ރަން މެޑަލް ހޯދައި ފުރަތަމަ ދުވުންތެރިއާއަށް ވުމަށެވެ.