ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ފިލްމު 'ގިލަން'ގެ ޓިކެޓު އިއްޔެ ވިއްކަން ފަށައިފިއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސްގެ ކައުންޓަރުންނާއި އޮންލައިންކޮށް ވެސް ފިލްމުގެ ޓިކެޓު ނެގޭނެއެވެ. މިގޮތުން، އޮންލައިންކޮށް ޓިކެޓު ނެގެނީ، ޕޯޓަލް މެދުވެރިކޮށެވެ. އަދި، 7743399 ގުޅައިގެން ވެސް ގިލަންގެ ޓިކެޓު ނެގޭނެއެވެ.
މި މަހު 30ގައި ސިނަމާގައި އަޅުވާ ފިލްމުގެ ޓްރެއިލާ ނިމިދިޔަ ހަފްތާގައިވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ. އެގޮތުން، ރުއިމާއި އާއިލީ ދެބަސްވުންތަކުގެ މަންޒަރުތައް އެ ޓްރެއިލާއިން ފެނެއެވެ.

ގިލަން ފިލްމުގެ މަންޒަރެއް: މި ފިލްމުގެ ޓިކެޓު ވަނީ ވިއްކަން ފަށާފައި ---
މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ފިލްމެކެވެ. 'ގިލަން' މާލެ އާއި ރަށްރަށުގައި އެޅުވުމުގެ ހުރިހާ އިންތިޒާމްތަކެއް ކުރަމުންދަނީ އައިލެންޑް ސިނަމާއިންނެވެ.
'ގިލަން' ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ. މިއީ، އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.
މި ފިލްމަކީ، އެކި ސަބަބުތަކާ ހެދި ރިލީޒްނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާ ފިލްމެކެވެ.
މީގެއިތުރުން، މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ، ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި ފާތިމަތު އާޒިފާ (އަޒޫ)އެވެ. އަދި، އެކްޓަރު އަހުމަދު ސައީދާއި އައިމިނަތު ނޫރާއާއި އެކްޓަރު މުހައްމަދު ރަޝީދު (ދަރާ)އާއި މަރިޔަމް ޝަކީލާ އެހެނިހެން ރޯލުތަކުން ފެނެއެވެ.
ފިލްމުތަކުގެ ސްކީރިންޕްލޭ ވެސް ލިޔާ އަމްޖޭ ޑައިރެކްޓުކުރި ގިނަ ފިލްމުތަކެއް ދިވެހީންގެ ތެރޭގައި މަގުބޫލުވިއެވެ. އޭގެ ތެރޭގައި، އުދަބާނި، މިލަ ހަނދުވަރު، ސަނދުރަވިރޭ، ބާރައިގެ ފަސް، ދިން ވޭނުގެ ހިތާމައިގައި، ދޮންކަމަނަ ފަދަ ފިލްމުތައް ހިމެނެއެވެ.
އަމްޖޭގެ ފިލްމެއް ސިނަމާގައި އެންމެ ފަހުން އެޅުވީ، 2024ގައެވެ. އެއީ، 'އުދަބާނި ދެކެވެ.