އަމްޖޭގެ 50 ވަނަ ފިލްމު 'ގިލަން' ޕްރިމިއާކޮށްފި

ގިލަންގެ ޕްރިމިއާ ނައިޓުގެ ތެރެއިން --

ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓުކުރުމުގެ ރެކޯޑު ގާއިމުކުރި އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމު "ގިލަން" މިދިޔަ އަންގާރަ ދުވަހުގެރޭ އޮލިމްޕަސް ސިނަމާގައި ކުލަގަދަ ހަފުލާއަކާއެކު، ޕްރިމިއާކޮށްފިއެވެ.

ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންނާއި ބެލުންތެރިން ބައިވެރިވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ދިވެހި ފިލްމީ ދާއިރާއަށް އަމްޖޭ ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ ހަރަކާތެއް ކުރިއަށްދިޔައެވެ.

އެގޮތުން، ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ 20 ޕްރޮޑަކްޝަން ހައުސްއަކުން ގުޅިގެން، އަމްޖޭގެ ފަންނުވެރިކަމާއި ދެގޮތެއްނުވެ ދާއިރާގައި ދެމިހުރި ހީވާގިކަން ފާހަގަކޮށް އޭނާއަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ބޮޑު ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

އަމްޖޭގެ ޑައިރެކްޝަންގެ އަގު ވަޒަން ކުރުމަށް ހަނދާނީ ފިލައެއް ހަވާލުކުރަނީ ---

"ގިލަން"އަކީ މީގެ އަހަރުތަކެއް ކުރިން އަމްޖޭ މަސައްކަތް ފަށާފައިވާ، އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އެއް ފިލްމެވެ. މި ފިލްމު ބިނާކޮށްފައިވަނީ މަގުބޫލު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ލިޔެފައިވާ މަޝްހޫރު ވާހަކައަށެވެ.

މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން، ރޫހާނީ ހާދިސާތަކެއް ކިޔައިދޭ ސަސްޕެންސް ތުރިލާ އެކެވެ. މި ފިލްމުގެ ރޯލުތަކުން ފެންނަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި ފާތުމަތު އާޒިފާ (އަޒޫ)އާއި އަހުމަދު ސައީދާއި އައިމިނަތު ނޫރާއާއި ދަރާ މުހައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާއެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އެ ސިނަމާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު ފިލްމުގެ ޓިކެޓް ބައްލަވައިގަންނަން ލިބޭނެއެވެ.

މިގޮތުން، އޮންލައިންކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ސިނަމާ ކައިރީގައި ދިގު ކިއޫތަކުގައި ނުޖެހި، ބޭނުންވާ ޝޯއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

މި ފިލްމު މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެޅުވުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަނީ އައިލެންޑް ސިނަމާގެ ފަރާތުންނެވެ.

އައިލެންޑް ސިނަމާއަކީ ދިވެހި ފިލްމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ޕްރޮމޯޓްކޮށް އެޅުވުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ޓީމެކެވެ.

"ގިލަން" ރަށެއްގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިލެންޑް ސިނަމާގެ ނަންބަރު 9111164 ނުވަތަ 7779621 އަށް ވައިބާ ކުރުމަށް އެ ފަރާތުން އެދެއެވެ.

comment ކޮމެންޓް