ނ.ވެލިދޫގެ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
އެ ރަށު ރައްޔިތެއްކަމަށްވާ މުހައްމަދު އައްބާސް މިރޭ "ސަން" އަށް ބުނީީ އެރަށަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ އެއް އަހަރު ދުވަސްވެފައިވާއިރު މިއަދު ހެނދުނުން ފެށިގެން އެ ރަށުގެ ބޮޮޑުބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
"އެއްވެސް މަގެއްގައި އަލި ކަމެއް ނެތް. ބަނދަރަކު ނެތް، ރަށުގެ 60 ޕަސެންޓް ގޭގޭގައެއް ނެތް، އެއްވެސް ފިހާރައެއްގަ އެއްވެސް ނެތް." އައްބާސް ބުންޏެވެ.
އޭނާ ބުނީ އެކަމުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ހާލުގައި އަސާސީ ބޭނުންތައް ނުފުއްދި ކަމަށެވެ. އެއްބަޔަކު ފުޅި ބައްތި ދިއްލައިގެން ތިބިއިރު އަނެއްބަޔަކު ތިބީ ޅަދަރިން ގޮވައިގެން މަގުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށުން ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުން ކުރާ 300 ކިލޯ ވޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. ދެން ކަރަންޓް ދިނުމަށް ބޭނުން ކުރަނީ 112 ގެ ޖަނަރޭޓަރަކާއި 160 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ.
ގާތްގަނޑަކަށް 2350 މީހުން ރަޖިސްޓްރީގައި ހިމެނޭ އެ ރަށަށް 400 ކިލޯ ވޯޓުގެ ކަރަންޓް ބޭނުންވާ ކަމަށް އެ ރަށުން މައުމޫލޫތު ދޭ ފަރާތްތަކުން ބުނެއެވެ.
އެ އިންޖީނު ހެދުމުގެ މަސައްކަތް ފެނަކައިން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް ކަރަންޓް ދެވޭނެ ވަކި އިރެއް ބުނަން އަދި ނޭންގެއެވެ.