ސަރުކާރުގެ ކެނޑިޑޭޓަކަށްނުވި ނަމަވެސް، ނ. ވެލިދޫގެ ކައުންސިލަށް އިންތިޚާބުކޮށްދީފިނަމަ، ވެލިދޫގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށް، އެމްޑީއޭގެ ފަރާތުން ވެލިދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ޙިޔާދު ޢަލީ ވިދާޅުވެއްޖެއެވެ.
ޙިޔާދު ވިދާޅުވީ، ބޭނުންވަނީ ވެލިދުއަށް ތަރައްގީ ގެނެސް، އެ ރަށުގައި މިހާރު ފަށައިފައިހުރި މަޝްރޫއުތައް ނިންމުމަށް ކަމަށާއި، އެ ރަށުގެ ތަރައްގީގެ ދުވެލި އިތުރު ހަރުފަތަކަށް ގެންދިއުމަށް ކަމަށެވެ.
އޭނާއަކީ ސަރުކާރުގެ ކެނޑިޑޭޓަށް ނުވި ނަމަވެސް، ޙިޔާދު ވިދާޅުވީ ވެލިދުއަށާއި ގައުމަށް ފައިދާވާ ކޮންމެ ކަމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ޙިޔާދު ވިދާޅުވީ އެމްޑީއޭގެ ކައުންސިލެއް އަޔަސް ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ރަށުގަ ފަށައިފަ މިހުރި ޕްރޮޖެކްޓުތައް ނިމި، ވެލިދޫ ރައްޔިތުންނަށް އޭގެ މަންފާ ލިބުން، އަޅުގަނޑުމެން ބޭނުންވަނީ މި ރަށުގަ ހުރި ބިނާތަކުގެ އާބާތުރަ ފިލުވައި، މި ރަށުގެ ރައްޔިތުންނަށް އެ ތަންތަނުން ފައިދާއާއި މަންފާ ލިބެން، އަޅުގަނޑުމެން ބޭނުންވަނީ ތަރައްގީގެ ދުވެލި އިތުރު އެހެން ހަރުފަތަކަށް ގެންދިއުމަށް، އަޅުގަނޑުމެން ބޭނުންވަނީ ސޮއްސާލައިފަ މި އޮތް ތަރައްގީ ނ. އަތޮޅުގެ އެންމެ ކުރިއަށް ގެންދަން," ޙިޔާދު ވިދާޅުވިއެވެ.
ވެލިދޫގެ ރައްޔިތުން ތިބީ ތަރައްގީއަށް ފެންބޮވައިގެންފައި ކަމަށް، ޙިޔާދު ވިދާޅުވިއެވެ.
އެ ރަށުގެ ކޮންމެ ބިނާއެއް ރަމްޒުކޮށްދެނީ ރަށުގެ ރޫހާއި ރަށު ރައްޔިތުންގެ މަސައްކަތްތެރިކަމުގެ މިސާލުކަމަށާއި، ރަށު ރައްޔިތުންގެ އެއްބާރުލުން ކަމަށްވެސް ޙިޔާދު ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލު އިންތިޚާބުގައި ވެލިދޫ ކައުންސިލަށް އިންތިޚާބުކޮށްދީފިނަމަ، އެ ރަށުގެ ތަރައްގީއަށް ރެއާއި ދުވާލު މަސައްކަތްކޮށް، ކުޅިވަރު ކުޅޭނެ ތަންތަނާއި، އިސްރަށްވެހިން ފިނިކުރާނެ މައިޒާންތައް އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އޭގެ އިތުރުން ވެލިދޫގެ މަސްވެރިންނަށާއި ޒުވާނުންނަށް ޚާއްސަ މަސް ޖެޓީއެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޙިޔާދު ވިދާޅުވީ، ކައުންސިލަށް ހޮވައިދީފިނަމަ ވެލިދޫގެ ތައުލީމީ ނިޒާމު އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް، ސަރުކާރާއި އެ ރަށު ސްކޫލާ ގުޅިގެން ކުރައްވާނެ ކަމަށެވެ.
އެމްޑީއޭގެ ފަރާތުން ވެލިދޫގެ ކައުންސިލަށާއި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލައިގެން ތިބީ ގާބިލު ކެނޑިޑޭޓުން ކަމަށާއި، އެމްޑީއޭއިން އެ ރަށު ރައްޔިތުން މާޔޫސްވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.