ނ. ވެލިދުއަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މިއަދު ފަށައިފިއެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، ވެލިދޫ ކައުންސިލް މެންބަރުންގެ އިތުރުން ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު މެންދުރު ފަހު އެ ޚިދުމަތް ފެށިއިރު، 14:40ގައި ފުރަތަމަ ފްލައިޓް ވަނީ ވެލިދޫން މާލެ އަންނަން ފުރާފައެވެ. އެ ފްލައިޓުގައި ދިވެހީންނާއި ފަތުރުވެރިން ވެސް ތިއްބެވެ.
މި ދަތުރުތައް ކޮންމެ ހަފްތާއެއްގެ ދެ ދުވަހު ކުރާނެއެވެ.
ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށިއިރު، ދިވެހީންނަށް ވަނީ ޚާއްސަ ފެއާއެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން ދިވެހީންނަށް ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 999 ރުފިޔާއެވެ. އަދި ފަތުރުވެރިންނަށް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 93 ޑޮލަރުގައެވެ.
އެ ޚިދުމަތް އެ ރަށުގައި ފެށިއިރު، ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށްފައިވެއެވެ. އަދި ޗެކިން ކުރުމަށާއި، ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ވަނީ ޚާއްސަ ލައުންޖެއް ވެސް ތައްޔާރުކޮށްފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ވެލިދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ މިއަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކުރައްވައި ސީޕްލޭންގެ ޚިދުމަތް ފައްޓަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ސީޕްލޭން ޕްލެޓްފޯމްގެ އިތުރުން، ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް ސީ އެމްބިއުލާންސެއްގެ ޚިދުމަތް ވެސް، މި މަހު ފައްޓަވާނޭކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.