ކުލަގަދަ ރަސްމިއްޔާތަކާއެކު ބްރެޒިލްގައި އޮލިމްޕިކް ގޭމްސް ރަސްމީކޮށް ފަށައިފި

އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި ފަހަރުގެ މުބާރާތުގައި 28 ކުޅިވަރަކުން 207 ޓީމު ވާދަކުރޭ --- ފޮޓޯ: އޭޕީ

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކާ އެކު މި އަހަރުގެ އޮލިމްޕިކްސް ގޭމްސް ރަސްމީކޮށް ފަށައިފި އެވެ.

އޮލިމްޕިކްސް މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައެވެ.

އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި ފަހަރުގެ މުބާރާތުގައި 28 ކުޅިވަރަކުން 207 ޓީމު ވާދަކުރޭ --- ފޮޓޯ: އޭޕީ

އެ މުބާރާތް ފެށުމުގެ ގޮތުން އޮލިމްޕިކް ދަންމަރުގައި ހުޅުކޮޅު ރޯކޮށްދީފައިވަނީ 2004 ވަނަ އޮލިމްޕިކްސްގެ މެރަތަންގައި ބްރެޒިލް އަށް ލޯ މެޑެއްޔެއް ހޯދައިދިން ކުރީގެ ދުވުންތެރިޔާ ވެންޑޭލޭ ޑި ލިމާ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ބްރެޒިލްގެ ތާރީހު ވަރަށް ފުރިހަމަ އަށް ދައްކުވައިދީފައިވެ އެވެ. އޭގެ އިތުރުން ނެށުމުގެ ގިނަ ހަރަކާތްތަކެއް ވެސް މަރަކާނާ ސްޓޭޑިއަމްގައި ކުރިއަށްގޮސްފައިވެ އެވެ.

އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީމު: ރާއްޖެއިން ވާދަކުރާނީ ސްވިމިން އަދި އެތުލެޓިކްސް އިވެންޓުގައި ---

މި ފަހަރުގެ މުބާރާތުގައި 28 ކުޅިވަރަކުން 207 ޓީމު ވާދަކުރެ އެވެ. އޭގެ ތެރޭގައި ރާއްޖެ އިން ދެ ކުޅިވަރު އިވެންޓެއްގައި ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް އާއި ސްވިމިންގެ އިވެންޓުގައެވެ.

ސްވިމިންގައި ރާއްޖެއިން އައިމިނަތު ސަޖަން އާއި ނިޝްވާން އިބްރާހިމް ވާދަކުރާ އިރު، އެތުލެޓިކްސް އިވެންޓުގައި ވާދަކުރާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިތާ ހަސަން ސާއިދު އާއި އަފާ އިސްމާއިލް އެވެ. އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލަމުންދިޔައީ ސަޖަން އެވެ.

comment ކޮމެންޓް