ނިންމުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަ، އެންމެ ބޮޑު ތަރުހީބެއް ލިބުނީ ޖަޕާނުގެ ބޮޑުވަޒީރަށް

އޮލިމްޕިކް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ބައިވެވެރިވެ ވަޑައިގަންނަވަނީ: އެ ރަސްމިއްޔާތުގައި އަބޭ އަށް ބޮޑު ތަރުހީބެއް ލިބިވަޑައިގެންނެވި --- ފޮޓޯ: އޭޕީ

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދިޔަ އޮލިމްޕިކް ގޭމްސް ކުލަގަދަ ރަސްމިއްޔާތަކާ އެކު ނިންމާލައިފިއެވެ. އެ ރަސްމިއްޔާތުގައި އެންމެ ބޮޑު ތަރުހީބެއް ލިބިގެންދިޔައީ ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަށެވެ.

މަރަކާނާގައި ކުރިއަށްދިޔަ ނިންމުމުގެ ރަސްމިއްޔާތުގައި އެކި ގައުމުތަކުގެ އެތުލީޓުން އެ ގައުމަކަށް ނިސްބަތްވާ ގައުމީ ހެދުންތަކުގައި ފެނިގެންދިޔަ އިރު، ރަސްމިއްޔާތުގައި ބައިވެރިވެޑައިގެންނެވި ޖަޕާނުގެ ބޮޑު ވަޒީރު ފެނިވަޑައިގަތީ ވަރަށް ތަފާތު ގޮތަކަށެވެ.

އޮލިމްޕިކް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ބައިވެވެރިވެ ވަޑައިގަންނަވަނީ: އެ ރަސްމިއްޔާތުގައި އަބޭ އަށް ބޮޑު ތަރުހީބެއް ލިބިވަޑައިގެންނެވި --- ފޮޓޯ: އޭޕީ

ޝިންޒޯ އަބޭ ފެނުމާ އެކު ގިނަ ބައެއްގެ ލޯތައް އޭނާއަށް އަމާޒުވި އިރު، އަބޭ ފެނިވަޑައިގަތީ މަޝްހޫރު މާރިއޯ ގޭމުގައި ފެންނަ ފެހި ކުލައިގެ ހޮޅިއެއްގެ މަތިންނެވެ. އޭރު އަބޭ ބޭނުންކުރެއްވީ ވެސް މާރިއޯ ބޭނުންކުރާ ފަދަ ތޮތްޕެކެވެ. ތަފާތަކީ އެ ތޮފީގައި ޓޯކިޔޯއޭ ޖަހާފައި އިނުމެވެ. އަބޭގެ އެ ފެނިލުމުން ގިނަ ބަޔަކު ދެކޭގޮތުގައި، 2020 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް ޕްރޮމޯޓު ކުރަން މާރިއޯ ބޭނުންކުރާނެއެވެ.

އޮލިމްޕިކްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބްރެޒިލްގެ ތާރީހާއި މިއުޒިކް އަދި ނެށުމުގެ ހަރަކާތަކާއެކު މަރަކާނާ ސްޓޭޑިއަމް ފެނިގެންދިޔައީ ބޮޑު ކާނިވަލެއްގެ ގޮތުގައެވެ. ބްރެޒިލް މޮޑެލް އިޒަބެލް ގޫލާޓާ އެކު 50 އަންހެނުންގެ ޕެރޭޑެއް ބައިވެރިވި އިރު، 200 ނެށުންތެރިން ވެސް ބައިވެރިވި އެވެ.

އޮލިމްޕިކް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތުގައި މަރަކާނާ ސްޓޭޑިއަމް ފެނިގެންދިޔައީ ކާނިވަލެއްގެ ގޮތުގައި --- ފޮޓޯ: އޭޕީ

އޮލިމްޕިކް ގޭމްސްގައި އެންމެ ކާމިޔާބު ޓީމަކީ 121 މެޑެލް ހޯދި އެމެރިކާއެވެ. އެ ގައުމުން ވަނީ 46 ރަން މެޑެއްޔާއި 37 ރިހި މެޑެލް އަދި 38 ލޯ މެޑެލް ހޯދައިފައެވެ. އެމެރިކާގެ ފަހަތުން ދެ ވަނައިގައި އޮތް އިނގިރޭސީން 27 ރަން މެޑެއްޔާއި 23 ރިހި މެޑެލް އަދި 17 ލޯ މެޑެލް ހޯދި އިރު، ޗައިނާ އިން ވަނީ 26 ރަން މެޑެއްޔާއި 18 ރިހި މެޑެލް އަދި 26 ލޯ މެޑެލް ހޯދައިފައެވެ.

comment ކޮމެންޓް