ޖިންސް ކަށަވަރުކުރަން ޓެސްޓެއް ހަދަން ޖެހުނު ސެމެންޔާ އަންހެނުންގެ 800 މީޓަރު ދުވުން ކާމިޔާބުކޮށްފި

އޮލިމްޕިކް ގޭމްސްގެ އަންހެނުން 800 މީޓަރު ދުވުމުން ރަން މެޑެލް ހޯދި ސައުތު އެފްރިކާގެ ސެމެންޔާ: އޭނާ އަކީ 2009 ވަނަ އަހަރު ޖިންސް ކަށަވަރުކުރަން ޓެސްޓެއް ހަދަން ޖެހުނު އެތުލީޓެއް --- ފޮޓޯ: އޭޕީ

ޖިންސް ކަށަވަރުކުރަން ޓެސްޓެއް ހަދަން ޖެހުނު ސައުތު އެފްރިކާގެ ކަސްޓާ ސެމެންޔާ، އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ 800 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދައިފިއެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 800 މީޓަރު ދުވުމުން އުމުރުން 25 އަހަރުގެ ސެމެންޔާ ރަން މެޑެއްޔެއް ހޯދީ އެއް މިނެޓް 55.28 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސެމެންޔާގެ ފަހަތުން ނިންމާލައި، ރިހި މެޑެއްޔެއް ހޯދި ބުރުނޑީގެ ފްރެންސިން ނިޔޮންސަބާ އަށް ރޭސް ނިންމުނީ އެއް މިނެޓާއި 56.49 ސިކުންތުންނެވެ. އަދި ލޯ މެޑެއްޔެއް ހޯދި ކެންޔާގެ މާގަރެޓް ވަންބުއީ އަށް ރޭސް ނިންމުނީ އެއް މިނެޓާއި 56.89 ސިކުންތުންނެވެ.

ސެމެންޔާގެ ކެރިޔަރުގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ކުރިމަތިލުމަށް ވެގެންދިޔައީ 2009 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ 800 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދުމާއެކު އޭނާ އަށް ހަދަން ޖެހުނު ޖެންޑާ ޓެސްޓެވެ.

ސެމެންޔާގެ ޖިންސް ކަށަވަރު ކުރުމަށް 2009 ވަނަ އަހަރު އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން ހެދި ޓެސްޓްތަކަށް ފަހު، އެ އިދާރާ އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އޭނާ އަށް ދީފައިވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް ގިނަ ދުވަސްތަކެއްގައި މުބާރާތްތަކުގައި ބައިވެރިނުވުމުގެ ސަބަބުން ފިޓްނުވުމުން އެ އަހަރުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕާއި އެފްރިކަން ޗެމްޕިއަންޝިޕްގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ.

އެކަމުން އަރައިގަތުމަށް ސެމެންޔާ ވާދަކުރި ފުރަތަމަ ބޮޑު މުބާރާތަކީ 2011 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި ސެމެންޔާ ވަނީ ރިހި މެޑެއްޔެއް ހޯދައިފައެވެ. އެއަށްފަހު ސެމެންޔާ ވާދަކުރި އޮލިމްޕިކްސް 2012ގައި ވެސް އޭނާ ވަނީ 800 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިފައެވެ.

comment ކޮމެންޓް