ކެންސަރު ޖެހިފައިވާ ތިން އަހަރުގެ ފިރިހެން ކުއްޖަކަށް ފަރުވާ ހޯދުމަށް ފައިސާ އެއްކުރުމުގެ ގޮތުން، ޕޮލެންޑުގެ ޑިސްކަސް ތްރޯވަރ، ޕިއޯޓް މަލަޗޯވްސްކީ، މިފަހަރުގެ އޮލިމްޕިކް ގޭމްސްގެ ބަރު އުކުމުގެ އިވެންޓުގައި ވާދަކޮށް އޭނާއަށް ލިބުނު ރިހި މެޑަލް ހަދިޔާކޮށްފިއެވެ.
މަލަޗޯވްސްކީ ބަރުއުކުމުން ސިލްވަރ މެޑަލް ހޯދީ، އެ އިވެންޓުގެ ރަންމެޑަލް ހޯދި ޖަރުމަނުގެ ބަރު އުކުންތެރިޔާ ކްރިސްޓޮފް ހާޓިންއަށް ވުރެ، 82 ސެންޓިމީޓަރު ފަހަތުން، 67.55 މީޓަރަށް ބަރު އެއްލައިގެންނެވެ.
މިއީ އުމުރުން މިހާރު 33 އަހަރުގެ މަލަޗޯވްސްކީއަށް ލިބުނު ދެވަނަ ރިހިމެޑަލެވެ. އޭނާ ވަނީ، 2008 ވަނަ އަހަރު ބެއިޖިންގައި އޮތް އޮލިމްޕިކްގައި ވެސް ބަރު އުކުމުން ރިހި މެޑަލް ހޯދައިފައެވެ.
މަލަޗޯވްސްކީގެ މި އެހީގެ ސަބަބުން، ކުޑަކުދިންގެ ލޮލަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށްވާ "ރެޓިނޯބްލާސްޓޯމާ" ޖެހިފައިވާ، އޭނާގެ ގައުމަށް ނިސްބަތްވާ، އުމުރުން 3 އަހަރުގެ އޮލެކް ޒީމާންސްކީއަށް ފަރުވާ ހޯދުމަށް ނިއުޔޯކަށް ދިއުމުގެ މަގު މިހާރު ފަހިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަލަޗޯވްސްކީ ބުނީ، މީގެ ހަފްތާއެއްގެ ކުރީން އޭނާއަށް ލިބުނު ރިހި މެޑަލަށްވުރެ، ތުއްތުތުއްތު އޮލެކްގެ ސިއްހަތު މާ މުހިއްމު ކަމަށެވެ. އަދި ގުޅިގެން ހިންގާ މިފަދަ ކާމިޔާބު ހަރަކާތެއްގެ ސަބަބުން ކޮންމެ ފަދަ ބޮޑު ކަމެއްވެސް ހާސިލް ކުރެވިދާނޭކަން އެނގިގެން ހިނގައްޖެކަމަށް އޭނާ ބުންޏެވެ.
"އޮލިމްޕިކް މުބާރާތެއްގައި މެޑައްޔެއް ހޯދުމަކީ ކޮންމެ އެތުލީޓަކުވެސް ދެކޭނެ ހުވަފެނެއް. އެގޮތުން އެންމެ އަގުބޮޑު އެއްޗަކީ ރަން މެޑަލް،" މަލަޗޯވްސްކީ ބުންޏެވެ.
"އަހަރެންގެ ހުރި ބާރެއްލާފައި މަަސައްކަތްކުރިން ރަންމެޑަލް ހޯދުމަށް. އެކަމަކު ނަސީބު ކަންދިމާކުރި ގޮތުން މިފަހަރުވެސް ކާމިޔާބު ނުވި."
އޮލެކަށް ފަރުވާހޯދުމަށް ފަންޑްރައިޒްކުރުމަށް، މަލަޗޯވްސްކީ އެންމެ ފުރަތަމަ އެޕީލްކުރީ، އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށެވެ.
"ރިއޯގައި އަހަރެން މަސައްކަތްކުރީ ރަން މެޑައްޔަކަށް. މިއަދު އަހަރެން މި ގޮވާލަނީ، ހިނގާށޭ އެންމެން ގުޅިގެން އެއަށްވުރެ މާ އަގުބޮޑު ކަމެއް ކުރަން. އެއީ މި ތުއްތު ކުއްޖާގެ ސިއްހަތު،" މަލަޗޯވްސްކީގެ ފޭސްބުކް އެޕީލްގައި ވެއެވެ.
"ތިބާ އަހަންނަށް އެހީތެރިވެދީފި ނަމަ، އަހަރެންގެ މި ރިހި މެޑަލް ރަން މެޑައްޔަކަށްވުރެ އަގުބޮޑުވާނެ."