ކުއާޓާގެ ފަހު ޖާގަތައް އެމްއާރްޑީސީ އާއި މަޑަވެލިން ހޯދައިފި

ޔޭޔޭ އައިޑިއާސް ކަޕްގެ ދެވަނަ ބުރުގައި އެލައިޑާއި ޕީޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔޭޔޭ އައިޑިއާސް ކަޕްގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް އެމްއާރްޑީސީ އާއި މަޑަވެލި ހޯދައިފި އެވެ.

އެމްއާރްޑީސީ އާއި މަޑަވެލިން ކުއާޓާގެ ޖާގައެއް ހޯދާފައިވަނީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުތަކުން މޮޅުވެގެންނެވެ.

ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި އެމްއާރްޑީސީން ވަނީ ޓިޑްސްގެ މައްޗަށް 4-2 ކުރި ހޯދައިފަ އެވެ. އެ މެޗުގައި އެމްއާރްޑީސީން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހުޒައިފަތު ރަޝީދު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ މުއާޒް އެވެ. މެޗުގައި ޓިޑްސްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ސިރާޖާއި އަހްމަދު ހުޝާމް އެވެ.

ދެވަނަ ބުރުގައި ރޭ އާސަންދަ އަތުން މަޑަވެލި ވަނީ ފަސޭހަކަމާއެކު 5-0 ލަނޑުން މޮޅުވެފަ އެވެ. ރޭގެ މެޗުގައި މަޑަވެލިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޒައްމަތު މުހައްމަދު ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އާއި އަހްމަދު މިންހާލް ޖަމީލް އެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ އަށް އެމްއާރްޑީސީ އާއި މަޑަވެއްޔާއެކު ދެން ދަތުރުކޮށްފައިވަނީ ކަސްޓަމްސް އާއި އެސްޓީއޯ އާއި ބީއެމްއެލް އާއި ކޮޅުފުށްޓާއި އެލައިޑް އަދި އިމިގްރޭޝަނެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ.

ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް