ވޯލްޑް ކަޕް ކާމިޔާބުކުރާ ކުޅުންތެރިންނަށް ފީފާއިން ފުރަތަމަ ފަހަރަށް އަނގޮޓި ދެނީ

ފީފާ ވޯލްޑް ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދާ ޓީމެއްގެ ކޮންމެ ކުޅުންތެރިއަކަށް ދޭން ނިންމާފައިވާ އަނގޮޓީގެ ނަމޫނާއެއް--

މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާދިއްތަ ދުވަހު ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަށް، ވޯލްޑް ކަޕް ތައްޓާއި ރަން މެޑަލްގެ އިތުރުން ޚާއްޞަ ޗެމްޕިއަންޝިޕް އަނގޮޓި ދޭން ފީފާއިން ނިންމައިފިއެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް މިފަދަ އަނގޮޓިއެއް ޗެމްޕިއަން ޓީމަށް ދޭން ނިންމި ފުރަތަމަ ފަހަރެވެ. މި ނިންމުމަކީ ފީފާގެ އެންމެ ޝަރަފުވެރި މުބާރާތް އެމެރިކާގެ ކުޅިވަރު ސަގާފަތާ އެއްގޮތަށް ބަދަލުކުރަމުންދާ ކަމުގެ ބޮޑު ހެއްކެކެވެ.

ފީފާއިން ހާމަކުރި ގޮތުގައި ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗަށްފަހު، މޮޅުވާ ޓީމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ 30 އަނގޮޓި ހަދިޔާކުރާނެއެވެ.

މެޗު ނިމުމާއެކު ޓީމުގެ ކެޕްޓަނަށާއި ހެޑް ކޯޗަށް ވަގުތީ އަނގޮޓިއެއް ހަވާލުކުރި ނަމަވެސް، ފަހުން މި އަނގޮޓިތައް ޗެމްޕިއަން ޓީމުގެ ކުޅުންތެރިންގެ އިނގިލީގެ މިންތަކަށް ފިޓްވާނޭހެން ބަދަލުކޮށްގެން ރަސްމީކޮށް ހަވާލުކުރާނެއެވެ.

މި އަނގޮޓީގެ އެއްފަރާތުން ވޯލްޑް ކަޕް ތަށި ފެންނަން ހުންނައިރު، އަނެއް ފަރާތުގައި ހުންނާނީ ޗެމްޕިއަން ޓީމާ ގުޅޭ ޚާއްޞަ މައުލޫމާތުތަކެވެ.

މި ކުޅުންތެރިންނަށް ދޭ އަނގޮޓިތަކަކީ މިއަހަރާ ގުޅުވައިގެން ތައްޔާރުކުރާ 2026 އަނގޮޓީގެ ލިމިޓެޑް އެޑިޝަނެއްގެ ބައެކެވެ.

ބާކީ ހުރި 1،996 އަނގޮޓި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ރަސްމީ ލައިސަންސްގެ ދަށުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާގެ މަޝްހޫރު ލީގުތައް ކަމަށްވާ އެންބީއޭ، އެންއެފްއެލް އަދި އެމްއެލްބީ، ފަދަ މުބާރާތްތަކުގައި ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް އަނގޮޓި ދިނުމަކީ ޒަމާވީ އާދައެއް ނަމަވެސް، ފީފާގެ މުބާރާތެއްގައި މިއީ މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ފީފާއިން ވަނީ އެމެރިކާގެ ކުޅިވަރުތަކުގެ ސިފަތައް ފުޓްބޯޅައަށް ގެނައުމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އާދިއްތަ ދުވަހުގެ ފައިނަލް މެޗުގައި ސުޕަ ބޯލް ފަދަ ބޮޑު ހާފްޓައިމް މިއުޒިކް ޝޯއެއް އޮންނާނެއެވެ.

މީގެ އިތުރުން، މިއަހަރުގެ މުބާރާތުގައި ކުޅުންތެރިން ދޭ "ހައިޑްރޭޝަން ބްރޭކްސް" ތަކުގެ ސަބަބުން މެޗުތައް ވަނީ ހަތަރު ކުއާޓަރަށް ބެހިގެންގޮސްފައެވެ. މެޗުގެ 22 ވަނަ މިނެޓާއި 67 ވަނަ މިނެޓުގައި ދޭ ތިން މިނެޓުގެ މި މެދުކަނޑާލުންތަކުގެ ސަބަބުން މެޗުގެ ފްލޯ ގެއްލޭ ކަމަށް ބުނެ ކޯޗުންނާއި ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، ފީފާއިން ބުނަނީ މިއީ ކުޅުންތެރިންގެ ސަލާމަތަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ.

comment ކޮމެންޓް