ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާނެކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފިއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރޮލީން ކޭލީ ލެވިޓް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ސްޕެއިން އަދި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗަށް ރައީސް ޓްރަމްޕް ވަރަށް ބޮޑަށް އިންތިޒާރު ކުރައްވަމުންދާ ކަމަށެވެ.
މީގެ އިތުރުން، މި މުބާރާތަކީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވުނު އެންމެ ރައްކާތެރި، އެންމެ ގިނަ ބަޔަކު ބެލި އަދި އެންމެ ކާމިޔާބު ވޯލްޑް ކަޕްގެ ގޮތުގައި ލެވިޓް ސިފަކުރެއްވިއެވެ.
ފައިނަލް މެޗުގެ ކުރިން ހުކުރު ދުވަހު ނިއު ޔޯކް ސިޓީގައި ހުންނަ ޓްރަމްޕް ޓަވަރުގައި ބާއްވާ ޚާއްސަ ފީފާ ރިސެޕްޝަނެއްގައި ވެސް ރައީސް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހާމަކުރައްވާފައިވާ ގޮތުގައި، ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި އިންފަންޓީނޯއާއެކު ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ފަހުގެ ވޯލްޑް ކަޕްތަކުގެ އާދަކާދައާ ޚިލާފަށް، މުބާރާތް ބާއްވާ ގައުމުގެ ވެރިޔަކު ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ ތަށި ހަވާލުކުރުމުގައި އަމަލީގޮތުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ޓްރަމްޕް މި މެޗަށް ވަޑައިގަންނަވާއިރު، އޭނާ ސަޕޯޓްކުރައްވަނީ ކޮން ގައުމަކަށްތޯ ނޫސްވެރިން ސުވާލުކުރުމުން ލެވިޓް ވިދާޅުވީ ރައީސް އަރިހުން ސީދާ އެ ސުވާލު ކުރުމަށާއި، އޭނާގެ ފަރާތުން މަޖާ ޖަވާބެއް ލިބޭނެކަން ޔަގީންވާ ކަމަށެވެ.
މިއަހަރުގެ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ބޭއްވޭ އެންމެ ބޮޑު މުބާރާތެވެ. މިއީ ކުރިން ކުޅެމުންދިޔަ 32 ޓީމުގެ ބަދަލުގައި 48 ގައުމަކުން ވާދަކުރި ފުރަތަމަ ފަހަރެވެ.
މި ބޮޑު މުބާރާތް އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ހިމެނޭ އުތުރު އެމެރިކާ ސަރަހައްދަށް ހޯދުމުގައި 2018 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އޭނާ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ނިއު ޔޯކުގެ ނިއު ޖާޒީ ސްޓޭޑިއަމަކީ 82،500 މީހުންގެ ޖާގައެއް އޮންނަ ދަނޑެކެވެ.
މި ފައިނަލް މެޗުގައި ބައްދަލުކުރާ ސްޕެއިން މުބާރާތުގެ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި ފްރާންސް ބަލިކޮށްގެންނެވެ. އަދި ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ އާޖެންޓީނާ ފައިނަލުން ޖާގަ ހޯދީ ސެމީގައި އިންގްލޭންޑް ބަލިކުރުމަށްފަހުއެވެ.
މެޗުގެ ކުރިން ބާއްވާ ނިންމުމުގެ ރަސްމިއްޔާތުގައި ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސް ފަދަ ތަރިންގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.