ވިކްޓަރީއަށް ކިސް އިރުޝާދުދިން ފުރަތަމަ މެޗުގައި ސުޒޭނަށް ގިނަ އުނދަގޫތަކެއް!

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ޓީސީ ބައްދަލުކުރި މެޗެއްގެ ތެރޭން: މިއަދު ވިކްޓަރީ އާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުން ވީ 3-3 ލަނޑުން އެއްވަރު --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ދިވެހި ފުޓްބޯޅައާ ރައްޓެހި ލާސްލޯ ކިސްގެ އިރުޝާދުގެ ދަށުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ކާމިޔާބު ދިވެހި ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މާޒިޔާ ސްޕޯޓްސް ކްލަބުން އުނދަގޫކަމާއެކު ޕޮއިންޓެއް ހޯދައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މިއީ ވިކްޓަރީގެ ކޯޗުކަމާ ކިސް ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

އެ ނަތީޖާއާއެކު ކުޅުނު ދިހަ މެޗުން ލިބުނު 21 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި އަދިވެސް މާޒިޔާ އޮތް އިރު، ވިކްޓަރީ އޮތީ ކުޅުނު ދިހަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އަދިވެސް ލީގުގެ ހަތް ވަނައިގައެވެ. ލީގުގެ ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް ނުވަ މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނުވަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކައި، މާޒިޔާއިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބުނު ބޯޅައަކުން ވިކްޓަރީގެ ގޯލްކީޕަރު ހަސަން ތޮލާލް ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ވެސް މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު އުމައިރަށް ލިބުނު ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އޭނާ އުފެއްދި ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ވިކްޓަރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެ ޓީމުގެ ގޮޑްފްރޭ ވެސްޓް އަށް ލިބުނު ބޯޅަ، ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން މާޒިޔާއާ އަލަށް ގުޅުނު ގޯލްކީޕަރު މުހައްމަދު ހުސައިން މުހައްމަދު އިފާމް ވަނީ އެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ވެސްޓް އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން މުހައްމަދު ރިސްވާން އުފެއްދި ހަމަލާއެއް މާޒިޔާގެ ކީޕަރު އިފާމް މަތަކުރުމާއެކު މާޒިޔާގެ ޑިފެންޑަރެއް ދިފާއު ކުރުމަށް ފޮނުވާލި ބޯޅަ ވެސްޓް އަށް ލިބުމުން އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޔަސްފާދު ހަބީބް ދިން ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ދަގަނޑޭ އުފެއްދި ހަމަލާގައި ބާރެއް ނެތުމުން އުނދަގުލެއް ނެތި ކީޕަރު ތޮލާލް ވަނީ އެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފައެވެ. ގާސިމް ސަމާމް ނަގައިދިން ހުރަހަކުން އުމައިރު ބޮލުން ޖައްސާލި ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަސްހަދު އަލީ (އަޑުބަރޭ) އެވެ.

އޭގެ މިނެޓެއް ފަހުން މެޗު އިންސާފުކުރަމުން ދިޔަ، ބިދޭސީ ރެފްރީ ފިލިޕް ނޮންގްކޭޝް ވަނީ ވިކްޓަރީގެ ކެޕްޓަން ރިލްވާން ވިހީދު (ރިލޭ) އަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފައެވެ. ރިލޭއަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ އަޑުބަރޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އަލުން ވިކްޓަރީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ދިފާއުކުރުމަށް އަމްދާން އަލީ (އެންޑީ) ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސަމާމްގެ ފައިގައި ޖެހިފައި ބައިކޮޅަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ވިކްޓަރީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރު މިނެޓް ފަހުން މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން އުމައިރު އުފެއްދި ހަމަލާ، ވިކްޓަރީގެ ކީޕަރު ތޮލާލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރިސްވާން އެވެ. ރިސްވާން އަށް ލިބުނު ބޯޅަ ހިފައިގެން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރު އިފާމް ކައިރިން ނައްޓާލުމަށްފަހު އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި، ވިކްޓަރީން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހިލޭ ޖެހުމަކުން އުމައިރު ނަގައިދިން ހުރަހަކުން މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންޑީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުތެރޭ މާޒިޔާ އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް އަޑުބަރޭ އާއި އަހްމަދު ރަޝީދު (އައްމަޑޭ)އަށް ލިބުނު އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ބީޖީ ސްޕޯޓްސް އެވެ.

comment ކޮމެންޓް