އަލިފާން ރޯވީ މީހުން ނޫޅޭ ބައެއްގައި، ހައްޖު ގްރޫޕެއްގެ ތަކެތި ހުރި ގުދަނަކަށް ގެއްލުންވި

މިއަދު ހަވީރު 5:00 ޖަހާކަންހާއިރު ކުރީގެ އަޑު ފުރަގަސް މަގުގައި ހުންނަ ހ. ފިލްމީ ސައިޓުގައި އަލިފާން ރޯވެފައި ވަނީ މީހުން ނޫޅޭ ފުލޯއެއްގައި ކަމަށާއި އަލިފާނުގެ ހާދިސާގައި ހައްޖު ޖަމާއަތެއްގެ ގުދަނަށް ގެއްލުންތަކެއްވެއްޖެ އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އިސް އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައިވާ ފިލްމީ ސައިޓުގެ ދެވަނަ ފުލޯގަ އެވެ. އެފުލޯގައި މީހުން ނޫޅޭއިރު އެފުލޯގައި ކަރަންޓު ވެސް ނުހުންނަ ކަމަށް ގޭގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފްއިން ބުނެއެވެ.

ހ. ފިލްމު ސައިޓުގައި އަލިފާން ރޯވުމުން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

އެ ގޯޅީގައި ދިރިއުޅޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އެ ފުލޯ ހެދުމަށްޓަކައި ވަރަށް ފަހުން ސާފު ވެސްކޮށްފައިވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގައި ފިލްމީ ސައިޓުގޭ ދެ ވަނަ ފުލޯގެ އިތުރުން ޖެހިގެން އިންނަ ގުދަނެއްގައި ރޯވެފައިވާއިރު އެ ގުދަނުގައި ހުރި ހައްޖު ފޮށިތަކަކާއި އިހުރާމް ހެދުންތަކެއް އަނދާފައިވާ ކަމަށް ހައްޖު ގުރޫޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެއީ ކޮން ހައްޖު ގުރޫޕެއްކަން ހާމަކުރަން އެ ފަރާތުން ބޭނުމެއް ނުވެ އެވެ.

އެ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާއިރު އަލިފާން ރޯވަން ދިމާވި ސަބަބުން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގައި މާބޮޑަށް އެގޭގައި ވެސް އަލިފާން ރޯވެފައެއްނުވެ އެވެ.

comment ކޮމެންޓް