އަބުރާބެހުމުގެ ކޮންމެ އަމަލަކީ ޖިނާއީ ކުށަކަށް ހަދާކަށް ނުޖެހޭ: ކުރީގެ ޕީޖީ

ކުރީގެ ޕީޖީ މުއީޒް ސަން އައް އިންޓަވިއު އެއް ދެއްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަބުރާބެހުމުގެ ކޮންމެ އަމަލަކީ ޖިނާއީ ކުށަކަށް ހަދައި ޖަލުހުކުމެއް ނުވަތަ ބޮޑު ޖޫރިމަނާއެއް އަންނަން ނުޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވާ އަބުރުގެ ބިލާއި ގުޅިގެން މުއިއްޒު "ސަން"އަށް ވިދާޅުވީ އަބުރާބެހޭ ފަރާތްތަކަށް އަދަބު ދޭންޖެހޭ ކަމަށާއި ނަމަވެސް އަބުރާބެހުމުގެ ކޮންމެ އަމަލަކީ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލް ކުރާގޮތުގައި އަބުރާ ބެހުމުގެ އެކިވަރުގެ މައްސަލަ ހުންނާނެ، އޭގެން ކޮންމެ އަމަލަކީ އެއަމަލެއްގެ ބަދަލުގައި ޖަލަށްލެވެންޖެހޭނެ އަމަލަކަށް ވެގެން ނުވާނެ، އެކަމަކު ވަރަށް ސީރިއަސްކަމެއް އޮވެވެސްދާނެ ތަންކޮޅެއް ހަރުކަށިކޮށް އެއަމަލަކާއި ދޭތެރޭގައި ބަލަންޖެހޭ،" މުއިއްޒު ވިދާޅުވިއެވެ.

ކުރިން ޖިނާއީ މައްސަލައެއްގެގޮތުގައި އަބުރާބެހުމުގެ މައްސަލަތައް ހިމަނާފައިވީނަމަވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއެކު އެމައްސަލަ ވަނީ މަދަނީ މައްސަލައަކަށް ބަދަލުކޮށްފައެވެ.

އެ ބިލުގައި ގާނޫނީ އެތައް މައްސަލައެއް އުޅޭ ކަމަށާއި އެބިލުގައި ބުނާގޮތުން ޖިނާއީ ކުށެއްގެ ގޮތުގައި އަބުރާބެހުން ބަލާއިރު ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު 50000 ރުފިޔާއިން ފަށާގޮތަށް އިންނަ އިރު އެއަދަދު މާބޮޑު ކަމަށެވެ.

"އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ ބިލް މިއޮތް ގޮތަށް ފާސްކުރަން އެކަށީގެންވާ ބިލެއް ކަމަކަށް އަޅުގަނޑު ނުދެކެން، އަޅުގަނޑު ގަބޫލް ކުރަން އަބުރާ ބެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅެން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ޕީޖީ މުއީޒް ސަން އައް އިންޓަވިއު އެއް ދެއްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަބުރާބެހުމުން ބަދަލުދޭންޖެހޭ ކަަމަށް ހަމައެކަނި ހުކުމެއްކޮށްގެން ނުފުދޭ ކަމަށާއި ގެއްލުންލިބުނު ފަރާތައް ބަދަލު ނަގައިދެވޭނެ އުސޫލެއް އޮންނަންޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެފަދަ އެކަށީގެންވާ ނިޒާމެއް މިއަދު ރާއްޖޭގައިނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެފަދަ ބިލެއްގައި ހިމެނެންޖެހޭ ދިފާއު ނެތްކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ އަބުރާބެހުމުގެ ސަބަބުން ބަދަލު ނަގައިދޭ ގަވައިދުގައި ހިމަނާފައިވާ ދިފާއުތައް މާރަނގަޅު ކަމަށެވެ.

ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.

އެބިލުގެ ބަހުސް އިއްޔެ ކުރުމަށްފަހު މަޖިލީހުން ވަނީ އިތުރަށް ދިރާސާ ކުރުމަށް 11 މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވާފައެވެ.

comment ކޮމެންޓް