Sun Online
އުތީމު ގަނޑުވަރުގެ އިރު އިތުރު ކަނުގައިވާ އަށިގޭގެ ފަން ފަދަލުކޮށްފައި -- ސަން ފޮޓޯ: އަސްރާރު
އުތީމު ގަނޑުވަރުގެ އިރު އިތުރު ކަނުގައިވާ އަށިގޭގެ ފަން ފަދަލުކޮށްފައި -- ސަން ފޮޓޯ: އަސްރާރު

އެބަޔެއްގެ މާޒީގެ ޢިލްމާއި ވާހަކަތައް އެބަޔަކާއެކުގައި ނުވާނަމަ، ދެންވާނީ ކޮން ބަޔަކަށް ހެއްޔެވެ؟

މުޙައްމަދު ސަލީމް (ހޯރަފުށި)
ގަލަންދެލިމުޙައްމަދު ސަލީމް (ހޯރަފުށި)

އިނގިރޭސިންގެ އަތުން ދިވެހިރާއްޖެ މިނިވަންކަން ހޯދިތާ 51 ވަނަ އަހަރުފުރޭ މިނިވަންދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، މީގެ 240 އަހަރުކުރިން 1776 ގައި އެމެރިކާ އޮތީ އިނގިރޭސިންގެ އެމްޕެޔަރގެ ކިބައިން މިނިވަންކަން ހޯދާފައެވެ. އެއީ ދިވެހިރާއްޖޭގައި 1767ން 1773ށް އޮތް ޣިޔާސުއްދީން ރަދުންގެ ރަސްކަން ނިމުނު ހިސާބެވެ. އޭރުގެ ދިވެހިރާއްޖެއަކީ ހޮޅިންނާއި މަލާބާރުންގެ ޝިކާރަޔަކަށް ވެފައި އޮތް ޤައުމެކެވެ.

ޒަމާނުއްސުރެ، ރާއްޖޭގައި ރަސްކަންކުރެއްވި ރަސްރަސްކަލުންގެ އެންމެ ބޮޑު ޒިންމާއަކަށް ވެވަޑައިގެންފައި އޮތީ، ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުމެވެ. ޕޯޗުގީޒުންނާއި ޢަލީރާޖާގެ ފަރާތުން ދޭތެރެ ދޭތެރެއިން އަންނަމުންދިޔަ ޙަމަލާތަކުން ރާއްޖޭގެ ރަސްކަން ދިފާޢު ކުރުމެވެ. މި ސިލްސިލާއަކީ 1491މ. ގައި ރަސްކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި އައްސުލްތާނު ކަޅު މުޙަންމަދު ރަސްގެފާނުގެ ޒަމާނުއްސުރެ ދިވެހި ތާރީޚަށް ގެތެމުންދިޔަ ބޮޅުތަކެކެވެ.

އެންމެފަހުން ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމަށް ދާންޖެހުނީވެސް ޕޯޗުގީޒުންނާއި ކުރެއްވި މިފަދަ ހަނގުރާމަ އެއްގައި އައްސުލްތާނު ޢަލި ރަސްގެފާނު6. ޝަހީދުވެ ވަޑައިގަތުމުންނެވެ. އެފަހަރު 1558ން1573މ. އާއި ދެމެދުގައި ރާއްޖެ އޮތީ ޕޯޗުގީޒުންގެ ބާރުގެ ދަށުގައެވެ. 1573 ގައި ޣާޒީ ބަންޑާރައިން ރާއްޖެ ދިފާޢު ކުރެއްވުމަށްފަހު، އަނެއްކާވެސް މިނިވަން ޤައުމެއްގެ ގޮތުގައި އަމިއްލަ ވެރިކަމެއް ޤާއިމް ކުރެވުނެވެ. އެހިސާބުން މިނިވަންކަން ދިފާޢު ކުރުމުގެ މަސައްކަތް ފެށުނެވެ.

އުތީމު ރަސްދަރިކޮޅުގެ ރަސްކަން 1573ން 1692 މ. އާއި ހަމައަށް ދެމި އޮތް ދުވަސްވަރުގައިވެސް ބޭރުގެ ކިތަންމެ ޙަމަލާއެއް ރާއްޖެޔަށް އަމާޒުވިއެވެ. ވަރުގަދަ ހަނގުރާމަތަކެއް ކޮށްގެން ޤައުމީ މިނިވަންކަން ދިފާޢުކުރަމުން އައި ބަޔަކަށް ރާއްޖެ ވިއެވެ. އެހެން ނަމަވެސް އައްސުލްތާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީނުގެ ރަސްކަމުގައި ހޮޅިން ދިން ޙަމަލާއެއްގައި އެމީހުންގެ ބާރުގެ ދަށަށް ކުޑަ ދުވަސްކޮޅަކަށް ރާއްޖެ ދިޔައެވެ.

އެފަހަރު މުލީގޭ ދޮންޙަސަންމަނިކުފާނާއި އެމަނިކުފާނުގެ ފައުޖުން ހޮޅިން ފައްސާލުމަށްފަހު، މިނިވަންކަން ޢިޔާދަކުރުވިއެވެ. އެހެނެއްކަމަކު ޢަދުއްވުންގެ އަމާޒުފަތްގަނޑަކުން ރާއްޖެ މިންޖުނުވެވި އެންމެފަހުން 1800ގެ އަހަރުތަކުތެރެއަށް ވަންނަން ޖެހުނެވެ. 1887ގައި އިނގިރޭސިންގެ ޕްރޮޓެކްޓްރޭޓެޑް ގައުމެއްގެ ގޮތުގައި އިނގިރޭސިންގެ ޙިމާޔަތަށް ރާއްޖެ ދިޔައިރު، މި ސަރަޙައްދުގެ ޤައުމުތައް އަޅުވެތި ކޮށްފައިވަނީވެސް އިނގިރޭސިންނެވެ.

1965 ޖުލައި 26 ގައި އިނގިރޭސިންގެ އަތުން ފުރިހަމަ މިނިވަންކަން ހޯދުމާއި ހަމަޔަށް މާޒީވެދިޔަ ގިނަދުވަސްތައް ދިވެހިން ހޭދަކުރީ ފަރުދީމިނިވަންކަމާއި އިގްތިސާދީ މިނިވަންކަމާއި ޑިމޮކްރެޓިކް ވެއްޓަކަށް ވާސިލްވެވޭވަރަށްވުރެ ބޮޑަށް ގައުމުގެ ޖާނު ސަލާމަތްކުރަން އިސްކަންދީގެންނެވެ.

ދިވެހިން މާޒީކުރި ގޮތް ބަލާލުމަށްޓަކައި 1695މ. ވެސް ފުދެއެވެ. އެ ދުވަސްވަރަކީ އުތީމު ޑައިނާސްޓީގެ ރަސްކަންނިމި، މުޙަންމަދު ޝަމްސުއްދީނުލް ޙަމަވީގެ ރަސްކަންވެސް ނިމި މުޙަންމަދު އިބުނު ޙާއްޖަ ޢަލިތުއްކަލާގެ ރަސްކަމުގެ ދުވަސްވަރެވެ. މިދެންނެވި ދުވަސްވަރު އިސް ފަނޑިޔާރަކަށް ހުންނެވީ ޙަސަން ތާޖުއްދީނެވެ. އެމަނިކުފާނު އެދުވަސްވަރު ކުރެއްވި ބައެއް ޙުކުމް ތަކުގެ ތެރޭގައި އެކަކު އަނެކަކަށް ވިއްކައި އަދި ގަނެ އުޅުނު އާދަކާދަ މަނާކުރެއްވިއެވެ. އެއްވެސް އުޖޫރައެއް ދިނުމެއްނެތި އަޅު އަންހެނުންލައްވައި މަސައްކަތް ކުރުވުމުގެ އާދަވެސް އެމަނިކުފާނު މަނާކުރެއްވި ކަމަށް ތާރީޚު ހެކިދެއެވެ. މިދެންނެވީ 1700 ވަނަ އަހަރުގެ ތެރެއަށް ވަންނަމުން ދިޔައިރު ކަން ހިނގަމުން އައި ގޮތެވެ.

ދިވެހިންގެ މާޒީއަކީވެސް މިޒަމާން މިދެކޭ ފަރުދީ މިނިވަންކަމުގެ އެތައް ޙައްޤުތަކުން އެތަކެއް ޤަރުނުތަކެއް ވަންދެއް މަޙުރޫމްވެފައި އޮތް މާޒީއެކެވެ. ދިވެހިރާއްޖޭގެ އިއްޔެއަކީ، ހަމަ ގައިމުވެސް މިއަދެއް ނޫނެވެ. މާޒީއަށް ބަލާއިރު، އަދިވެސް ދިގީ ރަސްކަމުގެ މާޒީއެވެ. ޖުމްހޫރީ ނިޒާމަކީ ދާދިފަހުން ދިވެހިން ބަލައިގަތް ނިޒާމެކެވެ.

މިދެންނެވި މާޒީގައި ދިވެހި އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ނެތް ޒަމާނާއި ފައިވާނަށް އެރުމުގެ ހުއްދަ ޢާންމުކޮށް އެންމެންނަށް ލިބިފައި ނެތެއް ދުވަހާއި ޓޯޗުބައްތި ގެންގުޅުމާއި ކުޑަނެގުމާއި ރޭޑިއޯއާއި ލަވަފޮށި ގެންގުޅުންފަދަ އަސާސީ އެތަކެއް އުފާތަކަކުން މަޙުރޫމް ވެގެން ތިބި ބަޔަކަށްވެސް ދިވެހިން ވާނެއެވެ.

ޒަމާނީ ޤާނޫނު އަސާސީއަކުން ލިބިދޭ މިނިވަން ޖުޑިޝަރީއަކާ، މިނިވަން މަޖިލީހަކާއި، މިނިވަން މުއައްސަސާތައްވެސް ނެތިއެވެ. މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ އިތުރުން، ބޭނުން ކޮންމެ ރައްޔިތަކަށް ރާއްޖޭން ބޭރުން ތަޢުލީމު ޙާސިލްކުރަން ދިޔުމުގެ ޙައްޤުވެސް ނެތިފައިތިބި ބަޔެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް މިއަދަކީ، ދިވެހިންގެ ހަނދާނުގައިވާ އިއްޔެއެއް ނޫނެވެ. މިއަދަކީ ޒަމާނީ މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ރާއްޖެ އޮތް ދުވަހެކެވެ. ޒަމާނީ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފައިވާ އަސާސީ ޙައްޤުތަކާއި ޤާނޫނީ ރައްކާތެރިކަން މި ނިޒާމުގައި ބަޔާންކުރެވިފައި ވެއެވެ. ރައްޔިތުންގެ ވޯޓުން ސަރުކާރެއް ގެނައުމުގެ ޙައްޤު މި ނިޒާމުން ރައްޔިތުންނަށް ވަނީ ލިބިދީފައެވެ. ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުންގެ މައްޗަށް އެކުލެވިފައިއޮތް ރައްޔިތުންގެ މަޖިލިހަކާއި، މުސްތަޤިއްލު މުއައްސަސާތަކާއި ގާނޫނީ ޝަޚުސުތައް މިނިޒާމުން މިއަދުވަނީ އުފައްދާފައެވެ. މާނައަކީ މާޒީގެ ބޮޑުބައި ދެކެފައިނުވާ ޙައްޤުތަކާއި މިނިވަންކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ރައްޔިތަކަށް ދިވެހިން މިއަދު ވެފައިވާ ކަމެވެ.

ސުވާލަކީ، ދިވެހި ރާއްޖެވެސް، މިނިވަންދުވަސް ފާހަގަކުރާއިރު، އިޙުސާސްކުރާނެ މާޒީގެ ހަނދާންތަކެއް ނުވޭ ހެއްޔެވެ؟ އަހަރެމެން ދިވެހިން އަނދިރި ސަފުޙާތަކެއް ނުދެކެމު ހެއްޔެވެ؟ މި ޤައުމަށް މި ދުވަސް ހޯދައިދޭން ކާބަފައިން ޤުރުބާންތަކެއް ނުވޭ ހެއްޔެވެ.؟ ނޫންނަމަ އަހަރެމެންނަށް މި ދުވަސް ލިބުނީ ހުޅަނގު މޫސުމުގައި ލަނގުވި ލަކުޑިބުރިޔެއްފަދައިން، އަހަރެމެންގެ ޤުރުބާންތަކަކާ ނުލައި ހެއްޔެވެ؟

ތެދެކެވެ. މިއަދަކީ 26 ޖުލައި އެވެ. މި ތާރީޚަކީ އިނގިރޭސިންގެ އަތުން 1965 ގައި އަޅުގަނޑުމެން ހޯދި ފުރިހަމަ މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރި ދުވަހެވެ. އެދުވަސް ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިދެންނެވި އެގްރިމަންޓުގައި ސޮއިކުރެއްވި އިބްރާހިމް ނާސިރަކީ މި ޚާއްސަ ޓާސްކު ނިންމެވި އާރުކާޓީއެވެ.

ނާސިރުގެ ބުރަމަސައްކަތްޕުޅުން ހޯއްދެވި މިނިވަންކަމަކީ، ދިވެހި ޤައުމު އެ ޒިކުރާ އާކުރާނެ، ޚިދުމަތެކެވެ. ފަޚުރުވެރިވާނެ މަސައްކަތްޕުޅެކެވެ. ހަމައެހެންމެ މާޒީގައި މި ޤައުމުގެ މިނިވަންކަމަށް އަގުނުކުރެވޭނެ ޚިދުމަތްތައް ކުރެއްވި އެތަކެއް ބަތަލުންގެ ޒިކުރާވެސް ވަނީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައެވެ. އެއީވެސް މިއަދުގެ ހަނދާންތަކެކެވެ.

ޝައްކެއް ނެތްގޮތުގައި އެއްވެސް ބަޔެއްގެ މާޒީއަކީ، ހުސް ސަފުޙާތަކެއް ނޫނެވެ. އެއީ އެބައެއްގެ ކާބަފައިންގެ ޒަމާން ނޫންކަމަކަށް ހަމަ ހިލާ ނުވެއެވެ. އެޒަމާންތަކުގައި ކުރި ތަޖުރިބާތަކަކީ، ނުކުރާ ތަޖުރިބާތަކަކަށްވެސް ނުހެދެއެވެ. އެހެން ނޫންނަމަހީ، މާޒީގެ ތަޖުރިބާތަކުގެ އަލީގައި ކޮންމެ ބަޔަކުވެސް މުސްތަގުބަލު ރާވަމަކުން ނުދިޔައީހެވެ. އެމެރިކާގެ މިނިވަންވުމަށް ބޭނުންވި ސަބަބުތަކުންވެސް މިކަމަށް ހެކިދެއެވެ. އިންޑިއާ މިނިވަންވުމަށްފަހު، މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އައުކުރަން ނިންމި ހަނދާންތަކުންނާއި، ޤަބޫލުކުރަން ނިންމި އުސޫލްތަކުން މާބޮޑަށް މިކަން ސާފުވެއެވެ.

އެކި ބައްރުތަކަށް ނިސްބަތްވެފައިވާ ކިންގްޑަމްތަކުގެ ދަށުގައިތިބި ތިބި ދުނިޔޭގެ ޤައުމުތައް، ހަށިފޮޅާލަން ބޭނުންވީ، ކޮންމެ ބަޔަކުވެސް އެބަޔަކު ޤަބޫލުކުރާ އުސޫލްތަކާ ހަމަތަކެއްގެމަތިން ހިނގަމުންއަންނަ ވެރިކަމަކަށް ވާސިލްވުމަށެވެ. ޚާއްސަކޮށް އެބަޔަކު ބޭނުންވާ ދީނީ ޢަޤީދާއެއްގައި ދެމިތިބުމުގެ މިނިވަންކަން ހޯދާށެވެ. އެބަޔެއްގެ މުދާ ޙިމާޔަތްކޮށް ރައްކައުތެރިކުރާނީ އެބަޔަކު ކަމަށް އަމިއްލައަށް ދެކިގެންނެވެ.

ޚާއްސަކޮށް އެބައެއްގެ ވެރިކަމުގެ ނިޒާމާ، ޝަރުޢީ ނިޒާމާ، އެބަޔަކު ބޭނުންވާ މިނިވަންކަން އެއީ އެބަޔަކު ކަށަވަރުކުރާ ކަންކަމުގެ ގޮތުގައި ބޭއްވުމަށެވެ. ހަމަ ގައިމުވެސް މިފަދަ ފަލްސަފާތަކެއް ވެގެންދާނީ، މާޒީގެ ތަޖުރިބާއިން އަލަށް އެކަށައެޅި ފަލްސަފާ ތަކަކަށެވެ. އެހެން ނޫންނަމަހީ އެބަކު ތިބީހީ ކުރިންވެސް އެތިބި ގޮތެއްގެ މަތީގައެވެ.

އެމެރިކަން ފިލޯސަފީގައި " ފްރީޑަމް" އަކީ އެބައެއްގެ އެންމެ އަސާސީ އެއް ޙައްޤެވެ. އެ ޙައްޤު ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވަނީ، ފަރުދީ މިނިވަންކަމަކީ، އެ ފަރުދެއްގެ މުސްތަގުބަލު ރޯޝަންކުރަން އެމީހެއްގެ އިޚުތިޔާރުކުރާ ދާއިރާއަކުން މިނިވަންކަމާއެކު ފިކުރުހިންގައިގެން ތަރައްޤީވެ ދިޔުމަށް އެހީތެރިވެދޭނޭ ގެރެންޓީއެއްގެ ގޮތުގައެވެ. މި ފަލްސަފާއަށް ވާސިލްވީ ޤައުމީ މިނިވަން ކަމުގެ ރުކުރުނަކަށް މިކަން ހަދަމުންނެވެ. އެ ރުކުން ޤާއިމްކުރީ ހަމަ ގައިމުވެސް މާޒީންކުރި ތަޖުރިބާ ތަކެއްގެ އަލީގައެވެ. ކޮށްފައިވާ ހަނގުރާމަ ތަކުގެ ގިލަންތަކުގެ ތެރެއިންނެވެ.

އަވަށްޓެރި އިންޑިއާގައިވެސް މިނިވަންދުވަހަކީ، މުޅި ޤައުމުގައި ފާހަގަކުރާ ދުވަހެކެވެ. އެއީ ހަމަ ކޮންމެ ރައްޔިތަކުމެ އެ އުފަލުގައި ޙިއްސާވާ ދުވަހެކެވެ. އަދި މިދުވަސް ފާހަގަކުރަނީ ކާބަފައިން އިންޑިއާގެ މިނިވަންކަމަށް ވެދިން މަތިވެރި ޤުރުބާންތަކުގެ ޒިކުރާއަށް ޓަކައެވެ. އެހެން ނަމަވެސް އުފާވެރިވެސް ދުވަހެއްގެ ގޮތުގައެވެ. ޢިބުރަތުގެވެސް ދުވަހެއްގެ ގޮތުގައެވެ. އަދި ޢަޒުމެއް އާކުރެވޭ މުނާސަބަތެއްގެވެސް ގޮތުގައެވެ.

މި އުފާވެރި މުނާސަބާ އިންޑިއާގެ ހުރިހާ ކަންކޮޅު ތަކެއްގައި ފާހަގަކުރަނީ ރައްޔިތުންނަށް މި ބޮޑު އުފާވެރިކަން ގެނެސްދިނީ ޤައުމުގެ މިނިވަންކަމަށް ނިކުތް ބަތަލުންގެ ޤުރުބާނީންކަން ޤަބޫލު ކުރަމުންނެވެ. ހަމަ އެޔާއެކު އެދުވަހަށް ފަރުދީގޮތުން ފަޚުރުވެރިވަނީ، ކޮންމެ ރައްޔިތަކަށްމެ ފަރުދީ މިނިވަންކަން ކަށަވަރުވެފައި އޮތް ކަމަށް ދެކިގެންނެވެ. މިނިވަން ފިކުރެވެ. ބަސްބުނުމުގެ ޙައްޤެވެ. ވޯޓުލުމުގެ ޙައްޤެވެ. މުދަލުގެ ރައްކާތެރިކަން އޮތް ކަމުގެ ގެރެންޓީ އާއި އެކުގައެވެ. ޚާއްސަ ގޮތެއްގައި މިނިވަންކަމާއެކު ވޯޓުލައިގެން ސަރުކާރު އެކުލަވާލަނީވެސް ރައްޔިތުންކަން ޤަބޫލުކުރުމާއެކުގައެވެ. އެހެންކަމުން މިދެންނެވި އުފާތައް އެމީހުންނަށް ލިބިދިން ޤައުމީ މިނިވަންކަމަކީ، ކާބަފައިންގެ ޤުރުބާނީކަން ޤަބޫލުކުރެއެވެ. ޝުކުރުވެރި ހިތަކުންނެވެ. އެ ޒިކުރާ އައުކުރުމުގެ މަޤްސަދަކީ ގައުމީ މިނިވަންކަން ދަމަހައްޓަން ކާބަފައިންގެ ކިބައިން ހިތްވަރު ލިބިގަތުމެވެ.

މި ދަންނަވާލީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ ޑިމޮކްރަސީގައި މިނިވަންކަމާއި މިނިވަންދުވަސް މާނަކޮށް، ފާހަގަކުރަމުންދާ ގޮތެވެ. މިކަންކަމުން އެނގެނީ، މިއިން ކޮންމެ ބަޔަކުވެސް މިނިވަންދުވަސް ދެކެނީ ކޮންމެ ރައްޔިތަކަށްމެ އަންނަ ދުވަހެއްގެ ގޮތުގައި ކަމެވެ. އަދި އެއީ ފަރުދީ ފެންވަރުގައިވެސް އުފާވެރި ދުވަހެކެވެ. ފަޚުރުވެރި ދުވަހެކެވެ. ޒިކުރާގެ ދުވަހެކެވެ. ޢަޒުމް އައުކުރާ ދުވަހެކެވެ. ސަބަބަކީ އެއީ ޤައުމުގެ މިނިވަން ދުވަހައް ވީތީއެވެ. މިއީ ޤައުމުގެ މިނވަންކަން ހަރުދަނާކޮށް ޤައުމިއްޔަތުގެ ރޫޙު ދިރުވަންވީ ދުވަހެވެ. މިނިވަންދުވަހަކީ ކޮންމެ ބަޔަކަށްވެސް އުފާވެރި ދުވަހެކެވެ. ހިތްފަސޭހަ ދުވަހެކެވެ.އެހައިމެ ފަޚުރުވެރި ދުވަހެއްވެސް މެއެވެ. އެއީ އެބަޔެއްގެ މާޒީގެ މަންޒަރުތަކުން މުސްތަގުބަލު ބިނާކުރަން އޮތް ދުރުމިން، މާދަމާ ފަރުމާކުރަން ފިކުރު ކުރާން އޮތް ދުވަހެވެ.

infinity loading...
×
DB released 01.