ރާއްޖޭގެ އުތުރާއި މެދުތެރެއަށް ވިއްސާރަ، 40 މޭލަށް ވައިގަދަވެދާނެ: މެޓް

ކަނޑު ގަދަ ދުވަހެއްގައި ހުޅުމާލެ ފެރީ ދަތުރުކުރަނީ: ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރޭ --- ސަންފައިލް ފޮޓޯ

ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

މިއަދުގެ ހެނދުނުން ފެށިގެން މާދަމާގެ ހެނދުނަށް މޫސުން ލަފާކޮށް މޯލްޑިވްސް މީޓްރޮޖިކަލް ސާވިސްއިން ބުނާގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އާންމުގޮތެއްގައި ވައިގެ ބާރުމިން ހުންނާނީ އިރުދެކުނާއި ދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގައި ކަމަށާއި އެހެން ހިސާބތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުމަކީވެސް އެކަށީގެންވާ ކަމެއް.،" މެޓް އޮފީހުން ބުންޏެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެ އެވެ.

comment ކޮމެންޓް