މާލެއަށް އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީގައި

ވޯޓުލާ މަރުކަޒެއް ދޮށުގައި މީހުން ހަރަކާތްތެރިވަނީ: މިއަދު މާލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44 ޑިގްރީގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މިއަދު ވޯޓުލަމުން އަންނައިރު، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44 ޑިގުރީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން މިއަދު އެންމެ ހޫނުގަދަވާނީ މާލެ ސަރައްހައްދަށެވެ. އެގޮތުން، 11:00ގައި ހުޅުލެއަށް ހޫނުމިން ހުރީ 32.7 ޑިގުރީގައެވެ. ނަމަވެސް މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.2 ޑިގުރީގައި ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި، އުތުރުގެ ރަށްތަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގުރީގައެވެ. ލ. އަތޮޅުގައި ހޫނުމިން ހުރީ 31.9 ޑިގުރީގައި ކަމަށް މެޓުން ބުނެއެވެ.

މެޓުން ބުނީ ދެން އެންމެ ހޫނުގަވާނީ ދެކުނުގެ ރަށްތަކަކަށް ކަމަށެވެ. އެގޮތުން ބަލާއިރު، އެ ރަށްތަކުގެ ހޫނުމިން ހުރީ 42.8 ޑިގުރީގައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަށްވާއިރު، މި މަހުގެ 10 ވަނަ ދުވަހު މާލޭ ސަރަހައްދަށް ހޫނުމިން އިހުސާސްކުރެވޭ މިންވަރު ވަނީ 48 ޑިގުރީއަށް އަރައިފައެވެ. މިއަދަކީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބަށް ވޯޓުލާ ދުވަހަށްވާއިރު، މެންދުރު 2:00އާ ހަމައަށް ހޫނު ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ވިހިވަނަ މަޖިލީސް އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ހަވީރު 5:30 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ގަޑި އިތުރުނުކުރާނެ ކަމަށް ބުނެފައެވެ.

އިންތިޚާބުގައި 93 ދާއިރާއަށް މަޖިލީސް މެންބަރުން ހޮވާނެއެވެ.

comment ކޮމެންޓް