ވޯޓުލާ ދުވަހު ހުރިހާ ހިސާބަކަށް މިހާރަށް ވުރެ މޫސުން ރަނގަޅުވާނެ: މެޓް

ދުވަސްވީ މީހަކު ބައިސްކަލުގައި ދާއިރު އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ހިފައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އާދިއްތަ ދުވަހު ހުރިހާ ހިސާބަކަށް މިހާރަށް ވުރެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.

އަންނަ އާދިއްތަ ދުވަހަކީ 20 ރައްޔިތުން މަޖިލީހުގެ ވޯޓުލާ ދުވަސް ކަމުން ގިނަ ބަޔަކު ވޯޓުލުމަށް ރަށްރަށަށް ދަތުރުކުރާނެއެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުން އާދިއްތަ ދުވަހު ވާރޭގެ އަސަރު ހުރިހާ ހިސާބަކަށް ވެސް މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ވާނެ ކަމަށެވެ.

އެކަމަކު މެދުރާއްޖެ ތެރެއާއި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓުން ބުނެއެވެ.

މެޓް އޮފީހުން ބުނީ އަންނަ އާދިއްތަ ދުވަހު ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެވަރެޖްކޮށް ހުރިހާ އަތޮޅުތަކަށް ވައި ޖެހޭނީ ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ.

ވޯޓާއި ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ފުރުމަށް ތައްޔާރުވަމުން ދާއިރު ސަރުކާރުން ވަނީ ވޯޓާއި ދިމާކޮށް އާދިއްތަ ދުވަހާއި ހޯމަ ދުވަސް ބަންދުކޮށްފައެވެ.

comment ކޮމެންޓް