ރާއްޖޭގެ އާބާދީއާ ބަލާފައި އިލެކްޓޯނިކް ވޯޓިން (އީ ވޯޓިން) ރާއްޖެއާ ނުގުޅޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
އީޔޫއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މިޝަން އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 350،000 މީހުން ހަމަނުވާ ރާއްޖޭގައި އީ ވޯޓިން ތައާރަފްކުރަން އުޅުމަކީ ރާއްޖެއާ ނުގުޅޭ ކަމެއް ކަމަށެވެ.
Insistence on introducing e-voting is odd in country of 350K. EC must increase confidence that this will strengthen #democracy in #Maldives
— EU to the Maldives (@EU_Maldives) July 26, 2016
އީ ވޯޓިން ތައާރަފްކުރުމުގެ ކުރިން އެ ނިޒާމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނެ ކަމުގެ އިތުބާރު އުފައްދަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީ ވޯޓިން ރާއްޖެއާ ނުގުޅޭނެ ކަމަށާއި އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށް އީޔޫ އިން ބުނެފައިވާ އިރު އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޓޯނިކް ވޯޓިން ތައާރަފް ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ބުނެފައި ވަނީ، އީވޯޓިން އަކީ ހެކްކުރެވޭނެ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމް ތައާރަފް ކުރުމުން ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަނާ މެދު ބޮޑު ވެގެންދާނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ އީ ވޯޓިން ރާއްޖެއަށް މުހިއްމު ނޫން ކަމަށެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވެފައި ވަނީ، އީވޯޓިން ނަގާ ނަމަ އިލެކްޝަންގެ މައްޗަށް ބޮޑު އިތުބާރެއް އޮންނަން ޖެހޭ ކަމަށާއި ރާއްޖެ އިލެކްޝަން ކޮމިޝަނާ މެދު އެ އިތުބާރު ނެތް ކަމަށެވެ.
އޭނާ ވެސް ވަނީ ރާއްޖޭގެ އާބާދީ ކުޑަވުމުން އީ ވޯޓިންއަށް ދާންނުޖެހޭނެ ކަމަށް ބުނެފަ އެވެ.