މަހަށް ހަމަ އަގު ހޯދަން ފަހިވާ ސަމޯއާ އެގްރީމަންޓުގައި ރާއްޖެއިން ސޮއިކޮށްފި

"ސަމޯއާ އެގްރީމަންޓް"ގައި ރާއްޖެއިން ސޮއިކުރުން -- ފޮޓޯ/ ސަރުކާރު

ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޤީލާ ޢަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވަނީ ހުށަހަޅާފައެވެ.

"ސަމޯއާ އެގްރީމަންޓް"ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެއެވެ. މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި 82 މެންބަރުން ވަނީ މި އެއްބަސްވުމުގައި ބައިވެރިވުމަށް ރުހުން ދިނުމަށް ވޯޓު ދީފައެވެ. ރުހުން ނުދިނުމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.

ކޮމިޓީން އެ މައްސަލަ ބަލައި ދިރާސާކުރި ގޮތުގެ ރިޕޯޓު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލިސް ތަޅުމަށް ހުށަހަޅައިދެއްވާފައެވެ.

ޒަރީރު ވިދާޅުވީ، އެ ރިޕޯޓު ދިރާސާކުރުމަށްޓަކައި، ސަމޯއާ އެއްބަސްވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކަށް ބަލާފައިވާނެ ކަމަށެވެ.

https://www.sun.mv/193749

މި ޕާޓްނާޝިޕް އެގްރީމަންޓަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަންއާ އެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު އިޤުތިޞާދީ، ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ފަހިވާނެއެވެ. އަދި، އޯއޭސީޕީއެސްގެ މެންބަރު ޤައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމަށް ވެސް މަގުފަހިވާނެއެވެ.

އޭގެ ތެރޭގައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އެއްބަސްވުމަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ، އޯއޭސީޕީއެސްގެ ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ. އެ ދާއިރާތަކަކީ:

  • ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
  • ޕީސް އެންޑް ސެކިއުރިޓީ
  • ޑިވެލޮޕްމަންޓް
  • އިކޮނޮމިކް ގްރޯތް
  • ކްލައިމެޓް ޗޭންޖް
  • މައިގްރޭޝަން އެންޑް މޮބިލިޓީ

މި އެއްބަސްވުމަކީ އޯއޭސީޕީއެސްގެ 79 ޤައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެންބަރު ޤައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯއޭސީޕީއެސް އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް"ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ ނުވައެއް ޑިސެމްބަރު 2022ގައެވެ.

comment ކޮމެންޓް