ދިވެހި ތާރީޚުދުއް އެންމެ ޚިދުމަތްތެރި ރަސް ދަރިކޮޅު، " އުތީމު ޑައިނާސްޓީ" އަކީ، އެ ޢާއިލާގެ ލޭގެ ގުޅުން އުތީމުފަސްދީ، ރާއްޖޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ޢާއިލީ ގުޅުމެކެވެ. އެހެންކަމުން އުތީމު ޑައިނާސްޓީއަށް އުތީމުފަދައިން ފަޚުރުވެރިވާ ކިތަންމެ ރަށެއް، ދިވެހިރާއްޖޭގައި ފެންނާން އެބައޮތެވެ.
ބޮޑުތަކުރުފާނު ފަސްދާނު ލެވިފައިވަނީ މާލޭގައެވެ. އުތީމުގައި ފެންނާންހުރީ އެތަކުރުފާނުގެ ޢާއިލާ އެރަށުގައި ދިރިއުޅުއްވި ގެއެވެ. އެތަނުގެ މަޝްހޫރު ނަމުންނަމަ " އުތީމު ގަނޑުވަރު"އެވެ. އުތީމަކީ ބޮޑުތަކުރުފާނުގެ އިތުރުން ބައްޕާފުޅު އުތީމު ޙުސައިން ޚަތީބު ތަކުރުފާނާއި ކާފާފުޅު އުތީމު ކަޅުޢަލީ ޚަތީބު ތަކުރުފާނުވެސް ދިރިއުޅުއްވި އެބޭފުޅުންގެ ރަށެވެ. ނަމަވެސް މުނިކާފާފުޅު ކަޅު ޙަސަންކަލޭގެ ދިރިއުޅުއްވީ ހއ. ބާރަށުގައެވެ. ވާހަކައިގާ ބުނާގޮތުން މާލޭގެ ޢާއިލާއަކަށް ނިސްބަތްވާ ކަޅު ޙަސަން ކަލޭގެއަށް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ އުތީމު ކަޅުޢަލީ ޚަތީބު ތަކުރުފާނާއި ބާރަށު ޚަތީބު ތަކުރުފާނާއި ނޮޅިވަރަންފަރު މޫސާ އެދުރު ތަކުރުފާނެވެ. މި ތިންބޭފުޅުންގެ ތެރެއިން އުތީމު ކަޅު އަލި ޚަތީބު ތަކުރުފާނަށް ޙުސައިން ޚަތީބު ތަކުރުފާނު ލިބިވަޑައިގަތީ މާޅޮސްމަޑުލު ދެކުނުބުރީ ހޮރުނބަދޫ ބޭކަނބަލަކާއި ކުރެއްވި ކައިވެނިފުޅުންނެވެ.
ތާރީޚީ މުއައްރިޚުންގެ ލިޔުއްވުންތަކުން ފެންނާން އޮތް އެއްކަމަކީ، ބޮޑުތަކުރުފާނުގެ މުނިކާފާފުޅު ކަޅު ޙަސަން ކަލޭގެ ތިލަދުންމައްޗަށް އަރުވާލެވުނީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައިކަމެވެ. އެއީ އައްސުލްތާނު ކަޅު މުޙަންމަދުގެ ރަސްކަމުގެ ދުވަސްވަރެކެވެ. މިއީ އެރަސްކަމުގެ ކޮން ދުވަސްވަރެއްގައިކަމެއް ތާރީޚީ ގޮތުން ބުނެދީފައެއް ނެތެވެ. ސަބަބަކަށް ވާނީ އެ ރަދުން ތަފާތު ތިން ފަހަރެއްގެ މަތިން ރަސްކަން ކުރައްވާފައިވާތީ ކަމަށް ވެދާނެއެވެ. ކަޅުމުޙަންމަދު ރަސްކަން އެންމެ ފުރަތަމަ ފެށެނީ 1491މ ގައެވެ. ތިންވަނަ ފަހަރަށް ރަސްކަމަށް ވަޑައިގަތީ 1512މ.ގައެވެ. އެފަހަރު 17 އަހަރު ރަސްކަން ކުރެއްވިއެވެ. މި ދެތާރީޚު ދަންނަވާލުމުގެ ބޭނުމަކީ، ކަޅު ޙަސަން ކަލޭގެ ސިޔާސީ ކުށެއްގައި ތިލަދުންމައްޗަށް އަރުވާލިނަމަ، އެކަމެއް ހިނގާފައި އޮންނާނެ ދުވަސްވަރެއް ލަފާ ކޮށްލުމަށެވެ.
ބޮޑު ތަކުރުފާނުގެ މަންމާފުޅުގެ ރަށަކީ އުތީމެއް ނޫނެވެ. އެއީ ހއ. އިހަވަންދޫއެވެ. ބޮޑުތަކުރުފާނަކީ އިހަވަންދޫ ކައްޕީނި ތަކުރުފާނުގެ އައިމިނާފާނާއި ހުސައިން ޚަތީބު ތަކުރުފާނު ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ބައްޕާފުޅަށް އެބަނޑުން ލިބިވަޑައިގެންފައިވަނީ މުޙަންމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނެވެ. ބޮޑު ތަކުރުފާނާއި ތިމާގެފުޅު އަނެއް ދެބޭފުޅުންނަކީ ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނު، މާރަންދޫ ތޭރަވާ މުދިންކަލޭގެގެ ދަރިކަނބަލަކާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް ޢަލި ތަކުރުފާނާއި ފާތިމާ ފާނު ( ކަޅުކަމަނާ) އެވެ.
މިހައިތަނުން، އުތީމު ރަސްދަރިކޮޅުން ރަސްކަމަށް ވަޑައިގަތް ބޭފުޅުންނަށް ބަލައިލާން އެބަޖެހެއެވެ. އެއީ އެބޭފުޅުންނާއި ގުޅިފައިހުރި ރަށްތަކަކީ ކޮބައިކަން ފަސޭހައިން ދެނެގަތުމަށް ޓަކައެވެ. 8 ބޭފުޅަކު ރަސްކަންކުރެއްވި މި ޢާއިލާގެ ފުރަތަމަ ރަސްކަލަކީ، އިސްވެ ދެންނެވި ޢާޒީ ބަންޑާރައިންނެވެ. އެރަސްގެފާނުގެ ޢާއިލީގުޅުން، ވާހަކައިގާ ބުނާގޮތުންނަމަ ފެށެނީ މާލެއާއި ހަމައިންނެވެ. މި ޗޭނަށް ބޮޅުތައް ގެތެމުންދާ ރަށްތަކަކީ ބާރަށާއި އުތީމުގެ އިތުރުން އިހަވަންދޫ އެވެ.
ބޮޑުތަކުރުފާނު 1585 މ ގައި އަވަހާރަވުމުން، ރަސްކަމުގެ ބައިޢަތުހިފުނީ ދަރިކަލުން އިބްރާހިމް 3 ވަނަ އަށެވެ. ދިވެހި ތާރީޚުގައި މިރަދުންގެ މަޝްހޫރު ނަންފުޅަކީ އައްސުލްތާނު އިބްރާހިމް ބިން އައްސުލްތާނު މުޙަންމަދު ތަކުރުފާނުލް ޢައުޒަމް (ކަލާފާނު) އެވެ. 1585 ގައި ފެށުނު ކަލާފާނުގެ ރަސްކަމަކީ އުތީމު ޑައިނާސްޓީގެ 2 ވަނަ ރަސްކަމެވެ. މިރަސްކަން ނިމެނީ 1609 މ.ގައި ދުޝްމަނުންގެ ބަޔަކު ކަލާފާނު ޝަހީދު ކުރުމުންނެވެ. އެރަދުން ފަސްދާނަ ލެވިފައި އޮތީ އަރިއަތޮޅު ހަންޏާމީދޫގައެވެ.
ކަލާފާނަށްފަހު، 3 ވަނަ ބޭފުޅެއްގެ ގޮތުގައި ތަޚުތަށް އިސްކުރެވުނީ އުތީމު ދަރިކޮޅުގެ ތުއްތު ކަމަނާ (ކަޅުކަމަނާ)ފާނެވެ. އެކަމަނާއަކީ ބޮޑުތަކުރުފާނާއި އެއްބަނޑު އެއްބަފާ ޙަސަން ތަކުރުފާނު ( ޙަސަން ރަންނަބަނޑޭރި ކިލެގެފާނު) ގެ ދަރިކަނބަލުންނެވެ. ޙަސަންތަކުރުފާނު އަވަހާރަވީ ބޮޑުތަކުރުފާނުގެ ރަސްކަމުގައި 1582މ.ގައެވެ. ބޮޑުތަކުރުފާނު އަވަހާރަވީ އޭގެ ތިންއަހަރަށް ފަހުގައެވެ.
ކަޅުކަމަނާފާނު އަވަހާރަވީ ކަލާފާނުގެ އަހަރުމަތިފުޅު ފާހަގަކުރައްވަން އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި މަހިބަދޫގައެވެ. އެއަށްފަހު ރަސްކަމަށް އިސްކުރެވުނީ އުތީމު ދަރިކޮޅުގެ ޙަސަން ފާމުލަދޭރި ކިލެގެފާނެވެ.
އުތީމު ރަސްދަރިކޮޅުގެ 4 ވަނަ ރަސްގެފާނު، އައްސުލްތާނު ޙަސަން ފާމުލަދޭރި ކިލެގެފާނަކީ، ކަޅުކަމަނާފާނުގެ ބައްޕާފުޅު ޙަސަން ރަންނަބަނޑޭރި ކިލެގެފާނާއި ބޭބޭންގެ ދެދަރި ބޭފުޅެކެވެ. އެއީ އުތީމު ކަޅުޢަލި ޚަތީބު ތަކުރުފާނުގެ އަޚު ބާރަށު ޚަތީބު އެދުރު ތަކުރުފާނުގެ ދަރިކަނބަލެއްގެ ބޭފުޅެކެވެ. މިރަސްގެފާނު ކައިވެނިފުޅު ކުރެއްވީ ޣާޒީރަދުންގެ ދަރިކަލުން ސުލްތާނު އިބްރާހިމް ކަލާފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ ޢައިޝާ ރަނި ކިލެގެފާނަށެވެ. އެ ބަނޑުފުޅުން ތިން ފިރިހެންބޭފުޅުންނާއި އަންހެބޭފުޅަކު ލިބިވަޑައިގަތެވެ. މިރަދުން އަވަހާރަވީ ކ. ގުރައިދޫގައި 1620މ. ގައެވެ.
އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި 5 ވަނަ ބޭފުޅަކަށްވީ އައްސުލްތާނު އިބްރާހިމް ކަލާފާނު ޝަހީދުކުރުމަށްފަހު، ދުޝްމަނުން މާލެއިން ފުރައިގެން ދަމުން ކަންނަންނޫރަށް ގެންދިޔަ ކަލާފާނުގެ ވަލީ ޢަހުދު ކަޅުތުއްކަލާއެވެ. މިރަސްކަލުން 1620މ.ގައި ރަސްކަމަށް އިސްކުރެއްވުމުން އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްތާނު މުޙަންމަދު ޢިމާދުއްދީން1 އެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ބޮޑުރަސްގެފާނެވެ.
ބޮޑުރަސްގެފާނާއި އުތީމު ދަރިކޮޅާއި ގުޅެނީ މަންމާފުޅުގެ ފަރާތްޕުޅުންނެވެ. ކަޅުތުއްކަލާގެ ބައްޕާފުޅަކީ މަޑިފުށީ ޢުމަރު މާފަތްކިލެގެ ގެ ދަރިކަލެކެވެ. މަންމާފުޅަކީ ކަނބާ އައިމިނާ މާވާ ކިލެގެއެވެ. އެއީ ޣާޒީ ބަންޑާރައިންނާއި އެއްބައްޕާ ޢަލި ތަކުރުފާނު ( ޕޯޗުގީޒުން ޝަހީދުކުރި ޢަލި ތަކުރުފާނު) ތަކަންދޫ އަނބިކަނބަލުންނަށް ލިބިވަޑައިގަތް މަރިޔަމް ކަނބައިދިކިލެގެ ކިނޮޅޮހު ޙަސަން ނައިބު ކަލޭގެ އާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް އާމިނާ މާވާ ކިލެގެއެވެ.
ކޮންމެއަކަސް ބޮޑުރަސްގެފާނުވެސް ކައިވެނި ބައްލަވައިގަތީ، އުތީމު ރަސްދަރިކޮޅުގެ ސުލްތާން އިބްރާހިމް ކަލާފާނާއި ސުލްތާން ޙަސަން ފާމުލަދޭރި ކިލެގެފާނުގެވެސް ހުވަފަތް އަނބިކަނބަލުން ކަނބާ ޢައިޝާއަށެވެ. ބޮޑުރަސްގެފާނުގެ ކައިވެނިފުޅަށްފަހު، ކަނބާ ޢައިޝާ ވެވަޑައިގަންނަވާނީ އުތީމު ރަސްދަރިކޮޅުގެ ތިން ރަސްކަލުންގެ ރަނިކަމަނާއަށެވެ. މިކަމަނާ ނިސްބަތްވަނީ ފާދިއްޕޮޅު މާފިލާފުއްޓަށެވެ.
ބޮޑުރަސްގެފާނު 1648މ ގައި އަވަހާރަވުމުން، އުތީމު ރަސްދަރިކޮޅުން ރަސްކަމަށް ވަޑައިގަތް 6 ވަނަ ރަސްކަލަކީ ބޮޑުރަސްގެފާނުގެ ދަރިކަލުން ވަލީޢަޙުދު އިބްރާހިމް1 އެވެ. އެއީ އައްސުލްތާނު އިބްރާހިމް އިސްކަންދަރު1 ( އިސްކަންދަރު ރަސްގެފާނު) އެވެ.
އިސްކަންދަރު ރަސްގެފާނު ކައިވެނި ބައްލަވައިގަތް ބޭކަނބަލަކީ ފ. މަގޫދޫ މާބަނޑޭރިތަކުރުފާނުގެ އިބްރާހިމް ފަޑިއަތް ތަކުރުފާނާއި މާފިލާފުށީ މަރިޔަމް ބޮޑުމަނިކައަށް ލިބިލެއްވި އައިމިނާރަނި ކިލެގެފާނަށެވެ. މި ކަމަނާވަނީ އެރަދުންގެ ރަސްކަމުގައި އަވަހާރަވެފައެވެ. އިސްކަންދަރު ރަސްގެފާނު 1687 ގައި އަވަހާރަވީއިރު ހުންނެވި ދަރިކަލަކީ އެރަދުންގެ ޖާރިޔާއަކަށް ލިބިވަޑައިގަތް ކުޑަމުޙަންމަދެވެ. މަރިޔަމްގެ ނަންފުޅުން މަޝްހޫރު މިދެންނެވި ޖާރިޔާގެ ދަރިކޮޅަކީ ބުނެވޭ ގޮތުގައި އިންޑިއާއަށް ނިސްބަތްވާ ދަރިކޮޅެކެވެ. އިސްކަންދަރު ރަދުން ރަސްކަމުގެ ބައިޢަތު ހިއްޕަވާފައި އޮތީ ތުއްޕުޅު މި ދަރިކަލުންނަށް ކަމަށްވީތީ، އުތީމު ރަސްދަރިކޮޅުގެ 7 ވަނަ ރަސްކަލަކަށް ވެވަޑައިގަތީ މިދެންނެވި ދަރިކަލުންނެވެ. އެއީ އައްސުލްތާނު ކުޑަމުޙަންމަދު ސިރީ މަނިރަންލޯކަ މަހާރަދުންނެވެ.
ކަނޑުމަތީގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ޙާދިސާއެއްގައި ލިބިވަޑައިގެން ހާނީއްކަފުޅަކުން މި ތުއްޕުޅު ރަސްގެފާނު1691މގައި އަވަހާރަވުމަށްފަހު، އުތީމު ރަސް ދަރިކޮޅުން ރަސްކަމަށް ވަޑައިގަތް 8 ވަނަ ބޭފުޅަކީ އައްސުލްތާނުލް ޢާދިލް މުޙަންމަދު މުޙީއްދީންއެވެ. އެއީ އިސްކަންދަރު ރަސްގެފާނުގެ ބޭބޭފުޅު ޙަސަން ފާށަނާކިލެގެފާނުންގެ ދަރިކަލުން މުޙަންމަދު މަނިކުފާނެވެ. އުތީމު ރަސްދަރިކޮޅުގެ އިސްވެދިޔަ ރަސްރަސްކަލުން ފަދައިން ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ތަރައްޤީއަށާއި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ހިންގެވުމާއި ދީނަށް ރައްޔިތުންގެ ލޯތައް ހުޅުވާލަދެއްވުމާއި ޢަދުލްވެރިކަމާއެކު ޝަރީޢަތް ހިންގެވުމާއި ޢިލްމަށް ލޯބިކުރެއްވުމުގައި މިއީވެސް ތާރީޚުން ޖާގަ ހޯއްދެވި ޚިދުމަތްތެރި ރަސްކަލެކެވެ. 1692 މ. ގައި އައްސުލްތާނުލް ޢާދިލް މުޙަންމަދު މުޙީއްދީނުގެ ރަސްކަން ނިމުމުން، 1573މ ގައި ފެށުނު، އުތީމު ރަސްދަރިކޮޅު ނުވަތަ އުތީމު ޑައިނާސްޓީގެ ރަސްކަން ނިމުނެވެ.
އިސްވެދިޔަ ތާރީޚީ ޙަޤީގަތްތަކަށް ބުރަވާއިރު، އުތީމު ރަސް ދަރިކޮޅަކީ އުތީމުގެ އިތުރުން، ވާހަކައިގާ ބުނާގޮތުންނަމަ، މާލެއާއި ބާރަށާއި އިހަވަންދޫ އާއި މާރަންދުއާއި ތަކަންދުއާއި ފ.މަގޫދުއާއި ހޮރުބަދޫއާއި ލ.ފޮނަދޫއާއި މާފިލާފުއްޓާއި ރ.ކިނޮޅޮހާއި މަޑިފުއްޓާއި ހަމައަށްވުރެވެސް ދުރަށް ލޭގެ ގޮތުން ޢާއިލީ ގުޅުން ފެތުރިފައިވާ ރަސް ދަރިކޮޅެކެވެ.